ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަށް މަޖިލީހުން ރުހުންދީފިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ގެންނަވައިފައެވެ. އެއީ:

  • ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުކަމަށް ބަދަލުކުރެއްވުން

މި މަހުގެ 14 ވަނަ ދުވަހު ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހަޅައިފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުން ވަނީ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން ނިންމައިފައެވެ.

އެހެންކަމުން މިއަދު އޮތީ ޚަލީލަށާއި ޒަމީރަށާއި ނާޒިމަށް މަޖިލީހުން ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމެވެ. އެގޮތުން ޚަލީލަށާއި ޒަމީރަށާއި ނާޒިމަށް ރުހުންދޭން ފެނޭތޯ ރިޔާސަތުން ވަކިވަކިން އެހުމުން، ވޯޓުގައި ބައިވެރިވި 86 މެންބަރުން ވެސް ވޯޓުދެއްވީ ތިން ބޭފުލުންނަށް ރުހުންދޭން ފެންނަ ކަމަށެވެ.

ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ޒަމީރު ވަނީ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ފުރުއްވައި، މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި ޚަލީލް ވަނީ 17 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރައްވައި މި ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.