މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސައުދީގެ ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އާރުއޯއެސް ފޯ ޓްރޭޑިންގް ކޮމްޕެނީ އަށެވެ.

އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އީނާސް ނަސީރު އެވެ. އަދި އާރްއޯއެސް ފޯ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓާ ހަމަދު މުހައްމަދު އަލް މިންހާލީ އެވެ.

މުލަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމަށް ސައުދީގެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 5.2 މިލިއަން ޑޮލަރު ނުވަތަ 80 މިލިއަނެއްހާ ރުފިޔާއަށް ކަމަށްވާއިރު ސްޓޯރޭޖްގެ ޑިޒައިނިންގެ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފިޝަރީޒް މިނިސްޓްރީން ހާމަ ކުރި ގޮތުގައި އެ ސްޓޯރޭޖުގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ގާބިލުކަން ލިބޭނެއެވެ.

މި މަޝްރޫއުގެ ސަބަބުން ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ މަސައްކަތްކުރަމުންދާ މުލަކުގައި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ސަރުކާރުން ދަނީ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް އެކި މަސައްކަތް ކުރަމުންނެވެ.