ސަރުކާރު ބަދަލުވި އިރު ޖުމްލަ 39 ބިލިއަންގެ ރުފިޔާގެ މަޝްރޫއުތަށް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް ބަޖެޓުގައި ހިމަނާފައި ވަނީ 3.6 ބިލިއަން ރުފިޔާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީސަރުކާރު ބަދަލުވި އިރު، ކޮންސްޓްރަކްޝަން މިނިސްޓްރީއިން 322 މަޝްރޫއަކަށް 39 ބިލިއަން ރުފިޔާ ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ އެއާޕޯޓްގެ 9 މަޝްރޫއު، ބްރިޖް 1 މަޝްރޫއު، ބިން ހިއްކުމުގެ 29 މަޝްރޫއު، މަގު ހެދުމުގެ 42 މަޝްރޫއު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 44 މަޝްރޫއު، ފެނާއި ނަރުދަމާގެ 102 މަޝްރޫއު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް 2024 އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 3.6 ބިލިއަން ރުފިޔާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އެއީ 2024 ވަނަ އަހަރުގެ މަޝްރޫއުތަކަށް ބޭނުން ފައިސާގެ 15 އަދި 20 ޕަސެންޓާ ދެމެދުގެ އަދަދެއްކަން ފާހަގަ ކުރައްވާ މުއްތަލިބް ވިދާޅުވީ ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާގެ "ބައިކުޅަ ބައެއް" ބަޖެޓުގައި ހިމަނާފައިވާތީ ކަމަށެވެ.

މުއްތަލިބް ވިދާޅުވީ ވީހާވެސް ގިނަ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޕެންޑިން ބިލްތަކުގެ ގޮތުގައި 1.72 ބިލިއަން ރުފިޔާގެ ބިލްތައް ހުރުމާއި ބަޖެޓުގައި ބޭނުންވާ ވަރަށް ފައިސާ ނެތުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ބަޖެޓުގެ ތާށިކަމާއެކު ވެސް މި ދައުރުގައި 37 މަޝްރޫއެއް ނިންމާލެވިފައިވާ ކަމަށާއި ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 21 މަޝްރޫއެއް ނިންމާލެވޭނެ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

ކޮންސްޓަރަކްޝަން މިނިސްޓްރީއާ ގުޅުން ހުރި އާ މަޝްރޫއުތައް ފެށުމަށް ބަޖެޓުގައި ހިމަނާފައި ވަނީ 969.5 މިލިއަން ރުފިޔާ ކަމަށާއި މީގެ ތެރޭގައި އެތައް ސަތޭކަ ޕްރޮޖެކްޓްއެއް ހުންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.