ފަރުމަހުގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ ގޮތުން ދޫކުރާލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓް މިއަދާ ހަމައަށް 20 ފަރާތަކަށް ދޫކޮށްފައި ވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

ފަރުމަހުގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމުގެ ގޮތުން ދޫކުރާ ލޯނު ލިބުނު ފަރާތްތަކާއެކު މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބައްދަލުމެއް ބާއްވާފައި ވާއިރު، މި ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާފައި ވާ ލޯނެއް ކަމަށެވެ. އަދި މި ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ގިނަ ފަރާތްތަކަށް މި ލޯނަށް އެދުމުގެ މަގުފަހިވެގެން ދިޔަކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

ފަރުމަހުގެ މަސްވެރިކަން ތަރައްގީ ކުރުމަށް ފިޝަރީސް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގެ ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަނޑޫގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާ ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައި ދިނުމަށް އިތުރު 10 މިލިއަން މިލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި އެޕްރީލް 30، 2024 އަށް ހަމަވިއިރު ފިޝަރީސް މިނިސްޓްރީން ބުނީ މި ލޯނަށް 121 ފަރާތަކުން ހުށަހެޅި ކަމަށެވެ.

އިތުރަށް މިނިސްޓްރީން ބުނީ މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތަކަށް ލޯނު ދިނުމަށް ނިންމާ މިއަދާ ހަމަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ.