ސަރުކާރުގެ ފަރާތުން ހުށަހެޅި ސަޕްލެމެންޓަރީ ބަޖެޓަށް ތިން ގަޑިއިރު ބަހުސްކުރުމަށް ފަހު ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލެމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ.

ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ރިޔާސަތުން އެހުމުން މެންބަރުން ނިންމީ

  • ބަޖެޓުގެ ބަހުސް މެންދުރުފަހު 1:30 ގައި ފަށައި ފުރުސަތަށް އެދިފައިވާ މެންބަރުންނަށް ފުރުސަތު ދޭން
  • ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ވަގުތުކޮޅެއް
  • ކޮމިޓީން އެއް ދުވަހުގެ ތެރޭ ބަޖެޓު ދިރާސާކޮށް ތަޅުމަށް ހުށަހަޅަން ފުރުސަތު ދޭން
  • އެއަށްފަހު ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ދެ މިނެޓު ދޭން

ނަމަވެސް ސަޕްލެމެންޓަރީ ބަޖެޓަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ތިން ގަޑިއިރުތެރޭ ބަހުސްކުރީ އެންމެ 25 މެންބަރުންނެވެ. އަދި ސަޕްލެމެންޓަރީ ބަޖެޓަށް ބަހުސްކުރައްވަން އެދިވަޑައިގެންނެވި ދެ މެންބަރަކު ތަޅުމުގައި ނެތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ބަޖެޓު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލުމަށެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީ އެކުލެވިގެންވަނީ އިގްތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގައި ތިއްބަވާ މެންބަރުންގެ މައްޗަށެވެ.

ސަޕްލެމެންޓަރީ ބަޖެޓުގެ މުހިންމު ބައެއް ނުކުތާތައް:

  • ޖުމްލަ: 5،119،508،129 ރުފިޔާ
  • ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
  • އެސްއޯއީ: 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
  • ދަރިވަރުންގެ ލޯނު ދޫކުރުމަށް: 458.4 މިލިއަން ރުފިޔާ
  • ބޭސްތަކަށް: 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް: 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް: 1.02 ބިލިއަން ރުފިޔާ
  • މުސާރަ: 24.4 މިލިއަން ރުފިޔާ

ސަޕްލެމެންޓަރީ ބަޖެޓާ އެކު ދައުލަތުގެ މި އަހަރުގެ ބަޖެޓު ވަނީ 55 ބިލިއަން ރުފިޔާ އަށް ބޮޑުވެފައެވެ.