ލަންކާގެ އަރުގަމް ބޭ އަށް އަމާޒު ކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް އެމެރިކާއިން ކުރި އިންޒާރާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ޕްބަލިކް ސެކިއުރިޓީ މިނިސްޓަރު ވިޖިތާ ހެރަތް ވިދާޅުވީ، ހައްޔަރު ކުރި 3 މީހުންނަކީ ވެސް ލަންކާގެ ރައްޔިތުން ކަމަށެވެ.

އޭނާ ވިދާޅުވީ ހައްޔަރު މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި މައްސަލަ ތަހުގީގު މަރުހަލާގައި އޮތުމުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ލަންކާގެ އަރުގަމް ބޭ ގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ލިބުނީ ބޭރުގެ އިންޓެލިޖެންސް އިދާރާތަކުން ކަމަށެވެ. އަދި އެއީ މިދިޔަ ސަރުކާރުގައި ވެސް ލިބެމުން ދިޔަ ފަދަ މައުލޫމާތު ކަމަށާއި އެ މައުލޫމާތުގެ އަލީގައި ސަލާމަތީ ފަރާތްތަކުން ހަރަކާތްތެރިވެ އެމީހުން ހައްޔަރު ކުރީ ކަމަށެވެ.

އޭނާ ވިދާޅުވީ، ބޭރުގެ އިންޓެލިޖެންސް ސާވިސްތަކުން މައުލޫމާތު ލިބުމާއެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ވާ ކަމަށާއި، އެކަން ޔަގީންވުމާ ހަމައިން އާންމުންނަށް މައުލޫމާތު ދީފައި ވާކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެކި ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ވާހަކަަތަކުގެ މަޅީގައި އާންމުން ނުޖެހުމަށާއި ސިޔާސީ ބޭނުންތަކުގައި އެކި ފަރާތްތަކުން އެކި ވާހަކަ ދައްކަމުން ދިޔުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.

އިއްޔެ ހައްޔަރު ކުރި 3 މީހުންގެ ތެރޭގައި ދިވެއްސެއްގެ ދަރިއަކު ހިމެނޭކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވީ ނަމަވެސް މިނިސްޓަރު ހެރަތް ވިދާޅުވީ އެއީ މުޅިންވެސް ލަންކާ މީހުން ކަމަށެވެ.