ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ފެނަކައިގެ އޭރުގެ އިސްވެރިން ހައްޔަރުކޮށް، ގާނޫނީ އިމުގެ ތެރެއިން އަދަބުދިނުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ސަޕްލެމެންޓަރީ ބަޖެޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮ އެދުނުނަމަ، އަގުހެޔޮޮކޮށް އެޅެން ހުރި ކްލާސްރޫމްތަކާއި އޮފީސް ރޫމްތަކާއި އިމާރާތްތައް އޭގެ ތިން ގުނައަށް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުނުކުރާނެ ކަމަށެވެ.

މިއީ ކުރީ ސަރުކާރުން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދިން އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވައި އައްބާސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ސަޕްލަޔަރުންނަށް ދަރާފައިވާ ކަމަށާއި، ސަޕްލަޔަރުންނަށް އެޑްވާންސަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ އޮތް ކަމަށެވެ.

އެއާއެކު އައްބާސް ވަނީ ސަޕްލެމެންޓަރީ ބަޖެޓު އިސްރާފު ކުޑަކޮށް ބޭނުންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސްކުރައްވައިފައެވެ.

"ހަމަ އެހެންމެ ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އޭނަ މި ރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ބޮޑެތި ހިޔާނާތްތައް ބަލައި ވީ އެންމެ އަވަހަކަށް އޭނަގެ މައްސަލަތައް ތަހްގީގުކޮށް އޭނަ އާ ގާނޫނު އަރާ ހަމަކޮށް ވީ އެންމެ އަވަހަކަށް ގާނޫނީ ހަމަތަކުގެ ތެރެއިން ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވެއްދުމަށް ވެސް ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަން މި ފުރުސަތުގަ،"

މީގެ އިތުރުން ފެނަކައިގެ އޭރުގެ އިސްވެރިންގެ ހިޔާނާތްތައް ބަލައި އެ މީހުން ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އައްބާސް ވިދާޅުވީ ވައްކަންކުރި އެއްވެސް ބަޔަކު ދޫކޮށްލާފައި ތިބެން ނުޖެހޭ ކަމަށާއި، ވޭތުވެދިޔަ 15 އަހަރު ދުވަހުގެތެރޭ އެއްވެސް 'ވަގަކު' ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.

ހަމަ މި މޭރުމުން ވާހަކަ ދައްކަވަމުން އައްބާސް ވަނީ، މަޖިލީހުގެ މެންބަރުންނަށް ދޫކޮށްފައި އޮންނަ ކަހަލަ އިންޝުއަރެންސް ކާޑެއް ރައްޔިތުންނަށް ދީ، ރައްޔިތުން ބޭސްފަރުވާ އަށް ސަލާން ޖަހަން ނުޖެހޭ ކަހަލަ ނިޒާމެއް ގާއިމްކުރުމަށް ވެސް ގޮވާލައްވައިފައެވެ.