ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަށް ރުހުންދޭން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ގެންނަވައިފައެވެ. އެއީ:

  • ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުކަމަށް ބަދަލުކުރެއްވުން

މި މަހުގެ 14 ވަނަ ދުވަހު ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހަޅައިފައެވެ.

އެހެންވެ ޚަލީލާއި ޒަމީރާއި ނާޒިމްގެ ނަންތައް ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުން ނިންމީ ތިން ބޭފުޅުންނަށް ވެސް ރުހުންދިނުމަށެވެ. މި ތިން ބޭފުޅުން ވަޒީރުކަން ކުރައްވައި، ދެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ޒަމީރު ވަނީ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ފުރުއްވައި، މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި ޚަލީލް ވަނީ 17 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރައްވައި މި ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.