އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ރ. އަތޮޅު، ހުރަވަޅި ބީޗް ރިސޯޓު ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ބުނީ، ހުރަވަޅި ރިސޯޓު ޖޫރިމަނާކޮށްފައި ވަނީ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި އެ ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑުހިލަ ޖެހުމާ ގުޅިގެން ކަމަށެވެ.

އަދި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ އެ ކުށް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށް އެ އެޖެންސީން ބުނެއެވެ. އެހެންކަމުން ޖޫރިމަނާއަށްވާ ޖުމްލަ ފައިސާ 30 ދުވަހުގެ މުއްދަތެއްގައި ދެއްކުމަށްވެސް އެ ރިސޯޓަށް އީޕީއޭއިން ވަނީ އަންގާފައެވެ.

2016 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވާލި ހުރަވަޅި ރިސޯޓަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ރިސޯޓެކެވެ.

ތަރައްގީގެ އެކި މަޝްރޫއުތަކާއި އެ ނޫންވެސް އެކު ގޮތްގޮތަށް ތިމާވެއްޓަށް ގެއްލުންވާ ފަދަ އަމަލެއް ކޮށްފި ނަމަ އީޕީއޭއިން ދަނީ އެ ފަރާތެއް ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން ފަރަށް އަރާ ޓަގު، ބާޖު ފަދަ އުޅަނދުތައް ވެސް މިފަދަ އެކި ކަހަލަ ހާދިސާގައި މީގެ ކުރިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތު ފަރު މައްޗަށް އެރި ހިލަ ބާޖަކާއި ޓަގު ބޯޓުގެ ވެރިފަރާތް ވަނީ 29 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ދިރާސާއެއް ކުރުމަށް ބޭނުންކުރި އުޅަނދަކުން 2022 ވަނަ އަހަރު ވެސް ހުޅުމާލެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ވަނީ 200،000 އެއްހާ ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

އަދި ހަމައެހެންމެ މި އަހަރުގެ ޖޫން މަހު ކ. ދިޔަނެރު ފަރަށް އެރި ޓަގާ، ބާޖުގެ ވެރިފަރާތް ވެސް ވަނީ ވިހި މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.