ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ، މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅައިފިއެވެ.

އެއީ ޖުމްލަ 5,119,508,129 (ފަސް ބިލިއަން، އެއް ސަތޭކަ ނަވާރަ މިލިއަން، ފަސްލައްކަ އަށްހާސް، އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ.

މި އަހަރުގެ ބަޖެޓަކީ 50 ބިލިއަން ރުފިޔާއެވެ. ސަޕްލެމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު 55 ބިލިއަނަށް ވަނީ އިތުރުވެފައެވެ.

ސަޕްލެމެންޓަރީ ބަޖެޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި ބަޖެޓަށް ފައިސާ ހޯދުމަށް ރާވާފައި ވަނީ ޕްރޮޖެކްޓް ލޯނުތަކުންނާއި ރާއްޖޭގެ ފަރާތްތަކުން ލޯނު ހޯދައިގެންނާއި ޓީބިލު ވިއްކައިގެން ކަމަށެވެ.

އެގޮތުން މި ސަޕްލެމެންޓަރީ ބަޖެޓު ފައިނޭންސްކުރަން ނިންމާފައި ވަނީ ބޭރު ގައުމުތަކުން 1 ބިލިއަން ރުފިޔާ އަދި ރާއްޖެއިން 3 ބިލިއަން ރުފިޔާ ހޯދައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ސަޕްލެމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއާއެކު ސަޕްލެމެންޓަރީ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 4 ބިލިއަން ރުފިޔާ ކަމަށާއި، އެހެންކަމުން އެހެންކަމުން މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތަ. މިއާއެކު، އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައިކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.