ލީގު ފޯމެޓަށް ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގު މުބާރާތުގައި ބައިވެރިވާ 36 ޓީމުން ތިން މެޗު ކުޅުނު އިރު ހުރިހާ މެޗަކުން މޮޅުވި ޓީމުތަކުގެ އަދަދު 2 އަކަށް ވެއްޓިއްޖެއެވެ. މި ގޮތުން، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ތާވަލުގެ ކުރީގައި އޮތީ އިންގްލޭންޑްގެ އެސްޓަން ވިލާ އަދި ލިވަޕޫލެވެ.
މިރޭ ލިވަޕޫލް 1-0 އިން އާރްބީ ލައިޕްޒިގް ބަލިކުރި އިރު ރޭ އެސްޓަން ވިލާ ވަނީ އިޓަލީގެ ބޮލޯނިއާ 2-0 އިން ބަލިކޮށްފައެވެ.
ކުޅުނު ތިން މެޗުން މޮޅުވުމުން މި ދެ ޓީމަށް ވެސް ލިބިފައި އޮތީ 9 ޕޮއިންޓެއެވެ. ތާވަލުގެ އެއްވަނައިގައި އެސްޓަން ވިލާ އޮތީ ޖެހި އަދި ވަތް ގޯލުގެ ތަފާތުންނެވެ.
ޗެމްޕިއަންސް ލީގުގެ މެޗު ޑޭ ތްރީގެ ނަތީޖާތަކަށް ބަލާ އިރު އެންމެ ވަރުގަދަވާނެ ކަމަށް ބެލެވުނު ކުރިމަތިލުމުގައި ބާސަލޮނޯ ވަނީ 4-1 އިން ޖާމަނީގެ ބަޔާން މިއުނިކް ބަލިކޮށްފައެވެ.
ސްޕާޓާ ޕްރާގް ކޮޅަށް މެންޗެސްޓާ ސިޓީން 5 ލަނޑު ޖެހި އިރު ފްރާންސްގެ ލިލް ވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ.
އަންގާރަ ދުވަހު ފެނިގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެން ދިޔައީ މިދިޔަ ސީޒަންގެ ފައިނަލްގައި ކުޅުނު ރިއާލް މެޑްރިޑްއާ ޖާމަނީގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ދެމެދު ކުޅުނު މެޗުގައެވެ. މެޗުގެ 60 ވަނަ މިނެޓާ ހަމައަށް ޑޯޓްމަންޑް 2-0 އިން ކުރީގައި އޮތްނަމަވެސް ފަހު ހާފްގައި ޗެމްޕިއަން ރިއާލުން 5 ލަނޑު ޖަހާ މެޗު ނިންމާލީ 2-5 ގެ ނަތީޖާއަކުންނެވެ.
ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެގެން 7 ޕޮއިންޓްގައި 7 ޓީމު އެބައޮތެވެ. މީގެ ތެރޭގައި އިންގްލެންޑްގެ ޗެމްޕިއަން ސިޓީ އަދި އިޓަލީގެ ޗެމްޕިއަން އިންޓާ ވެސް ހިމެނެއެވެ.
އާ ފޮމެޓްގައި އޮޓަމެޓިކްއިން ދެވަނަ ބުރަށް ދާން ފުރުސަތު ލިބޭނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ 8 ޓީމަށެވެ.
ދެން 9 ވަނަ އިން 24 ވަނައާ ދެމެދު ތިބޭ ޓީމުތައް ޖެހޭ ދެ ލެގުގެ ޕްލޭ އޮފް ދެމެޗު ކުޅެގެން ގަދަ 16 އިން ޖާގަ ކަށަވަރު ކުރާށެވެ.
25 އިން ތިރީގައިވާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. އަދި މި ސީޒަންގައި މި ޓީމުތަކަށް ޔޫރަޕާ ލީގުން ވެސް ޖާގަ ނުލިބޭނެއެވެ.