ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ އަދަދު އިތުރު ކުރަން ނިންމައިފިއެވެ.

އެ ބޭންކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

ޑޮލަރު ލިބުމުގައި އަދިވެސް ގޮންޖެހުން ހުރިކަން ފާހަގަ ކުރައްވާ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ މާލީ ބޭނުންތަކަށް އިސްކަންދީ އެކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އެހެންކަމުން ކާޑު ލިމިޓް އިތުރުކުރަން ބޭނުންވާ ދަރިވަރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާކޮށް، ޑޮކިއުމަންޓްތައް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން ވެސް ޑޮލަރުގެ ހާލަތު ބެލުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ގެންނަ ބަދަލުތައް އިއުލާން ކުރަމުންދާނެ ކަމަށް މައުލޫމާތު ދިނެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 1200 ޑޮލަރަށް އިތުރުކޮށްފައެވެ. ނަމަވެސް މިއަހަރު ބޭރުގެ ފައިސާ ދަތިވެ އެ އަދަދު ވަނީ ޑެބިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 250 ޑޮލަރު އަދި ކްރެޑިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 750 ޑޮލަރަށް ދަށްކޮށްފައެވެ.