ސްރީލަންކާގެ ފަތުރުވެރިކަމުގެ އަވަށެއް ކަމަށްވާ އަރުގަމް ބޭގެ އެކި ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާ ތަކެއް ދީފާނެ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފިއެވެ.
އެމެރިކާ އެމްބަސީން ނެރުނު ބަޔާނުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އަރުގަމް ބޭއަށް ދަތުރު ނުކުރަން އަންގާފައި ވާއިރު އެ ގައުމުގެ ރައްޔިތުން މިވަގުތު އެ ސަރަހައްދުން ދަތުރު ނުކުރަން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެމެރިކާ އެމްބަސީން ވަނީ ޝައްކު ކުރެވޭ އެއްވެސް ހަރަކާތެއް ފެނިއްޖެނަމަ ކުއްލި ހާލަތްތަކުގައި ލޯކަލް އޮތޯރިޓީ ތަކަށް ރިޕޯޓް ކުރުން އަންގާފައެވެ. އަދި އަބަދުވެސް ތިމާގެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރައްކާތެރިކަން ނެތް ކަމަށް އިހުސާސް ކުރެވޭ ކޮންމެ ހާލަތަކުން އަވަހަށް ނުކުތުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.
މީގެ އިތުރުން ފޯނު ފަދަ މުވާސަލާތީ ވަސީލަތްތައް އަތްފޯރާފަށުގައި ބެހެއްޓުމަށްވެސް ވަނީ އެދިފައެވެ. އަދި އަރުގަމް ބޭގެ ހާލަތާ ގުޅިގެން ނޫސް، ޓީވީ އަދި ރޭޑިއޯތަކުން ގެނެސްދެމުން އަންނަ އެންމެ ފަހުގެ މައުލުމާތު ހޯދުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.