ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މާޗް މަހު ހިސާބު ނިންމާލެވޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފައިސަލް ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމް ޑިވެލޮޕްމެންޓަށް ހުޅުވާލެވި އެތަން އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރެވި ބަޔަކަށް އެވޯޑުކުރެވިފައިވާ ކަމަށެވެ.

ހދ. އަތޮޅުގައި މިހާރު ވެސް 460 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށާއި، މިހާރު ވެސް ތިން ރަށެއްގައި 1،886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެއާއެކު ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މާޗް މަހުގެ ކުރިން ނިންމާލެވޭނެ ކަމަށާއި، އޭރަށް ވާއިރަށް އެކަށީގެންވާ އަދަދަކަށް ހދ. އަތޮޅުގައި އެނދު އުފެއްދުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 4،000 ވަރަކަށް އެނދު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ދުބާއީ އަށް ކުރެއްވި ދަތުރުފުޅާއި މި ފަހުން އިންޑިއާގެ ނިއު ދިއްލީ އާއި މުމްބާއީ އަށް ކުރެއްވި ދަތުރުފުޅުތަކުގައި އިންވެސްޓަރު ފޯރަމްގައި ބައިވެރިވެވަޑައިގެން، ޓޫރިޒަމް ތަރައްގީކުރެވޭނެ ރަށްރަށުގެ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރައްވާފައި ވާނެއެވެ. އަދި އިތުރު ރަށްތަކުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ސިންގަޕޫރާއި ތައިލޭންޑާއި ދުބާއީ އާއި އިންޑިއާގައި އިންވެސްޓަރު ފޯރަމްތައް ތާވަލުކުރެވި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރެވިގެން ދިއުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.