ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ހިންގަމުން ދިޔަ އޮޕަރޭޝަން މިދިޔަ ދެ ހަފްތާއެއްގެ މުއްދަތުގެ ތެރޭގައި މަޑުޖައްސާލަން ޖެހުނީ ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުމުން ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަނީ ރެއިޑްގެ މައުލޫމާތު އާންމުކޮށް ހިއްސާ ކުރަމުންނެވެ. އެ ގޮތުން މީގެ ކުރިން ކޮންމެ ދުވަހަކު ރެއިޑެއް ޖަހާއިރު، އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެނުނެވެ. ނަމަވެސް މި ފަހުން ބިދޭސީންގެ ރެއިޑްގެ ވާހަކަތަކުގެ އަޑު ވަނީ މަޑުވެފައެވެ.

މިކަމާ ގުޅޭ ގޮތުން ޝަމްއާން ވިދާޅުވީ، އެއްވެސް އިރެއްގައި މި އޮޕަރޭޝަން ހުއްޓުމަކަށް ނުގެންނަ ކަމަށާއި ނަމަވެސް މިދިޔަ ދެހަފްތާއެއްގެ ތެރޭގައި ރެއިޑް އޮޕަރޭޝަން މަޑުޖެހުނު ކަމަށެވެ. އެ ގޮތަށް ހަދަން ޖެހުނީ ބިދޭސީން ގެންގޮސް ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ ޖާގަ ފުލް ވެގެން ކަމަށާއި އެތަނުގެ ޖާގައަކީ 180 ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ނަމަވެސް މިހާރު ޖާގައިގެ ދަތިކަން ނެތް ކަމަށާއި އެތަނުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަން ޝަމްއާން ފާހަގަ ކުރެއްވިއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފެށި އޮޕަރޭޝަންގައި އިއްޔެއާ ހަމައަށް 4300 ބިދޭސީން މިހާރު ޑީޕޯޓް ކޮށްލާފައިވާ އިރު، މިއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝަމްއާން ފާހަގަ ކުރެއްވިއެވެ. އެއީ ނޮވެމްބަރު މަހާ ހަމައަށް 5000 ބިދޭސީން ޑީޕޯޓް ކުރުމަށް އަމާޒު ހިފައިގެން ފެށި އޮޕަރޭޝަން އެ އަދަދާ ގާތަށް ދިއުމުން ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރެއިޑް ތަކުގައި ގިނަ އަދަދެއްގެ ވިޔަފާރިތައް ބަންދު ކޮށްފައިވާ ކަަމަށެވެ. އެގޮތުން އާންމުކޮށް ހިންގަމުން އަންނަ ފިހާރަތައް ބަންދު ކުރި ކަމުގައި ވީ ނަމަވެސް އެފަދަ ހުރިހާ ފިހާރައެއް އަދި ބަންދު ނުކުރެވޭ ކަމަށެވެ. މިއަދު ބަންދުކުރާ ފިހާރައެއް އެހެން ނަމެއްގައި ހުޅުވާ މައްސަލަ އަކީ ފާހަގަވެފައިވާ މައްސަލައެއްގެ ގޮތުގައި އިހްސާން ފާހަގަ ކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ވަނީ ބިދޭސީން މަސައްކަތް ކުރަން ގެންނަ މީހުންނަށް އިހުމާލުވާ ދިވެހިން ޖޫރިމަނާ ކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެވެ. މި ބިލް ތަސްދީގު ކުރައްވާފައިވާ އިރު، އިހުސާން ވިދާޅުވީ، ބިދޭސީންނަށް އިހމާލުވާ ދިވެހިންނަށް ފިޔަވަޅު އަލާއި މިގާނޫނަށް އަމަލުކުރަން ފެށުމުން ގިނަ މައްސަލަތަކެއް ހައްލުވެގެން ދާނެ ކަމަށެވެ. މިއާއެކު މުޖުތަމައުއިން ރަނގަޅު ބަދަލެއް ފެންނާނެ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

ބިދޭސީން މަސައްކަތް ކުރަން ގެންނަ މީހުންނަށް އިހުމާލުވާ ދިވެހިން ޖޫރިމަނާ ކުރާ ބިލުގައި ވާ ގިތުގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރާނެ ކަަމަށާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ހަމައެއާއެކު ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ބިލްގެ ދަށުން ހަދާ ގަވައިދާ އެކުގައި ވަކި މުއްދަތަކަށް ހުއްޓާލެވޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެއެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާގެ އެއްބަސްވުމުގެ ދާއިރާގެ ތެރެއިން ކުރާ އެހެނިހެން މަސައްކަތް ކުރުމަކީ އެހެން ވަޒީފާއެއް އަދާ ކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބިލްގައި ބުނެފައި ވެއެވެ.