ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީންކުރުމަށްޓަކައި ހަމައެކަނި ދުންފަތުގެ ބާވަތްތަކަށް ފޯކަސްކުރުމުގެ ބަދަލުގައި ހަކުރު ބާވަތްތަކުން ޓެކްސް ނެގުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކުރުމާއި އީ-ސިނގިރޭޓު އަދި ވޭޕުން ނަގައި ޓެކްސް ވެސް މަނާކުރާ މުއްދަތާ ހަމައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގައި ނާޒިމް ވިދާޅުވީ ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކުރާއިރު ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ވެސް ބޮޑުކުރަންޖެހޭ ކަމަށެވެ.

މިހާރުވެސް ބޭރުގެ ގައުމުތަކުގައި ހަކުރުން ޓެކްސް ނެގުމަކީ ކުރާ ކަމެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު އެކަން ކުރާ ގޮތަށް ވުރެ ހަރުދަނާ ގޮތެއްގައި ހަކުރުންނާ އަދި ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސްގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ނާޒިމް ވިދާޅުވީ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރާއިރު ސަރުކާރުން ހަރުދަނާ ގޮތެއްގައި ކުރަންޖެހޭ އިތުރު ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

އެ ގޮތުން، ސިނގިރޭޓުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު، އަގުހެޔޮ ބާވަތްތަކުގެ ސިނގިރޭޓު އެތެރެކުރުމުގެ ބިރު އޮތް ކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ އެއީ، މިހާރު ރާއްޖޭގެ ބާޒާރުގައި ވިއްކާ ސިނގިރޭޓުގެ ބާވަވްތަކަށް ވުރެ މާ ގެއްލުން ބޮޑު ބާވަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވި، ބްލެކް މާކެޓުގައި އެއްޗެހި ނުގަނެވޭނެ ގޮތްތަކެއް ރާވައި، ސްމަގްލް ނުކުރެވޭނެ ގޮތްތަކެއްވެސް ރާވަން ޖެހޭކަމަށެވެ.