ހަސަން ޒިޔާއު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރުމުގައި ޒިޔާއު ކުރި ތުހުމަތުތައް އަމީންއާންމު ފާތިމަތު ނިއުޝާ ދޮގުކުރައްވައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޒިޔާއު ބުނީ، މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދާ ހިލާފަށް ކަމަށެވެ. ޒިޔާއު އިތުރަށް ބުނީ:

  • އޭނާ މަގާމުން ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ
  • މަގާމުން ވަކިކުރީ އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން

ޒިޔާއު ބުނި ގޮތުގައި، އޭނާ ވަކިކުރީ މަޖިލީހުގެ އިސް ބައެއް ބޭފުޅުންގެ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދައެއް ފިލުވާލުމުގެ ގޮތުންނެވެ.

"އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ،" މީޑިއާ އަށް އޭނާ ފޮނުވި މެސެޖުގައި ވެއެވެ.

ޒިޔާއު ތުހުމަތުކުރި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ހިމެނެއެވެ.

އެހެންކަމުން 'ދަ ޕްރެސް' އިން ނިއުޝާ އާ ސުވާލުކުރުމުން ޒިޔާއު ކުރި ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވީ، އެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ.

މި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުމަށް ޒިޔާއު ވަނީ ނިންމާފައެވެ. ނިއުޝާ ވިދާޅުވީ ޒިޔާއު ވަކިކުރީ ޕާލިމެންޓަރީ ސާވިސްގެ ގަވައިދުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުކަމަށް ޒިޔާއު އައްޔަން ކުރީ 2019 ވަނަ އަހަރުއެވެ. ޒިޔާއު ވަނީ އޭގެ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި 13 އަހަރު ވަންދެން ނޫސްވެރިކަން ކޮށް އެ ތަނުގެ ސްޓޭޝަން މެނޭޖަރުކަން ވެސް ކޮށްފައެވެ.