މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކަށް ޖަވާބު ދިނުމަށް އުޒުރުވެރިވާތީ އެ ދައުވާތަކަށް އޭނާ އިންކާރު ކުރީ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުން، ކެނަބިސް ބޭނުންކުރުން، އޮރިޔާން ކާޑު ގެންގުޅުން ހިމެނޭއިރު ދެން ކޮށްފައިވާ ދެ ދައުވާ ވަނީ ސިއްރު ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ބޭއްި އަޑުއެހުމުގައި ޝާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝާހިލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް ވަކި ޖަވާބެއް ދޭން އުޒުރުވެރިވާތީ އެ ދައުވާތަކަށް އިންކާރުކުރީ ކަމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު އޭނާގެ މައްޗަށް ކުރާ ފަސް ދައުވާއާ ގުޅިގެން ދިފާއީ ހެކި ހުށަހަޅަން ނެތް ކަމަށް ޝާހިލް ވަނީ ބުނެފައެވެ.
ތަހުގީގަށް ޝާހިލް ދިން ބަޔާންތަކަށް ޝާހިލް އިންކާރު ކުރާ އިރު، އެ ބަޔާންތައް ޝަރީއަތަށް ބަލައި ނުގަތުމަށް ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ސިއްރު ހެކިން ހިމެނޭ ތިން ދައުވާގައި ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޝަހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. ކްރިމިނަލް ކޯޓުން ބުނީ، ދެން އެ ދައުވާގެ އޮންނާނީ އިފްތިތާހީ ބަޔާން ހުށަހަޅައި ހެކިބަސް ނެގުން ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރަކީ ރާއްޖެ ސިސއްސުވާލި މަރެކެވެ. ޝިއާއު މަރާލާފައިވާ އިރު އޭނާގެ ބައެއް ގުނަވަންތައް ބުރިކޮށްފައިވާ އިރު، މި މައްސަލައިގައި ޝިއާއުގެ ހަށިގަނޑަށް ދީފައިވާ އނަިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައުލޫމާތު ހިއްސާކޮށްފައި ނުވަނީ އާއިލާގެ އެދުމުގެ މަތިން ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
ޝިއާއުގެ މަރާ ގުޅިގެން ހައްޔަރު ކުރި ޝާހިލް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދިއޭނާ ހައްޔަރު ކުރި ދުވަހު މަސްތުގެ ހާލުގައި ހުރި ކަމަށް މައުލޫމާތު ލިބޭ އިރު، ޝާހިލްއަކީ މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ.