ހަސަން ޒިޔާއު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޒިޔާއު ބުނީ، މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމެއް ނޫން ކަމަށާއި، އެ މަގާމުން އޭނާ ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ޒިޔާއު ބުނާގޮތުން އޭނާ ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ، އެ ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ދެކޮޅަށް އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އަވަސްއަރުވާލައިގެންނެވެ. އަދި އޭނާ ވަކިކުރީ މަޖިލީހުގެ އިސް ބައެއް ބޭފުޅުންގެ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދައެއް ފިލުވާލުމަށް ކަމަށް ވެސް ބުނެއެވެ.

"އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ،" މީޑިއާ އަށް އޭނާ ފޮނުވި މެސެޖުގައި ވެއެވެ.

މި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުމަށް ޒިޔާއު ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުން ވެސް ބުނީ ޒިޔާއު ވަކިކުރީ ޕާލިމެންޓަރީ ސާވިސްގެ ގަވައިދުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުކަމަށް ޒިޔާއު އައްޔަން ކުރީ 2019 ވަނަ އަހަރުއެވެ. ޒިޔާއު ވަނީ އޭގެ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި 13 އަހަރު ވަންދެން ނޫސްވެރިކަން ކޮށްފައެވެ. އެ ތަނުން އިސްތިއުފާ ދިނުމުގެ ކުރިން ޒިޔާއު ވަނީ ސްޓޭޝަން މެނޭޖަރުގެ މަގާމު އަދާކޮށްފައެވެ.