މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުތެރޭ މިފްކޯއަށް މަސް ކިރާފައިވާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މިފްކޯއަށް މަސް ކިރާފައިވާ މިންވަރު ހާމަކުރުމަށް އެ ކުންފުނިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު އެންމެ މަހެއްގައި ވެސް މިފްކޯއަށް މަސްކިރާފައިވާ މިންވަރު އިތުރުވެފައެއް ނުވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލާ ނަމަ، މިދިޔަ އަހަރު ޖުމްލަ 48820 މެޓްރިކް ޓަނުގެ މަސް ކިރާފައި ވީ ނަމަވެސް، މި އަހަރު ތެރޭ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކިރާފައި ވަނީ 28115 މެޓްރިކް ޓަނުގެ މަހެވެ. މިއީ 42 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މަސް ކިރާފައި ވަނީ ފެބްރުއަރީ މަހުގައެވެ. އެއީ 9035 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުތެރޭ ފެބްރުއަރީ މަހުގައި ކިރާފައި ވަނީ 5860 މެޓްރިކް ޓަނުގެ މަހެވެ.

މިދިޔަ އަހަރާއި މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތަފާތުސްހިސާބު

  • ޖެނުއަރީ – 2023 ގައި 7528 މެޓްރިކް ޓަނު، މި އަހަރު 7452 މެޓްރިކް ޓަނު (77 ޓަނު މަދު)
  • ފެބްރުއަރީ - 2023 ގައި 9035 މެޓްރިކް ޓަނު، މި އަހަރު 5860 މެޓްރިކް ޓަނު (3175 ޓަނު މަދު)
  • މާޗު - 2023 ގައި 6715 މެޓްރިކް ޓަނު، މި އަހަރު 4611 މެޓްރިކް ޓަނު (2104 ޓަނު މަދު)
  • އޭޕްރީލް - 2023 ގައި 7054 މެޓްރިކް ޓަނު، މި އަހަރު 2،322 މެޓްރިކް ޓަނު (4732 ޓަނު މަދު)
  • މެއި - 2023 ގައި 8535 މެޓްރިކް ޓަނު، މި އަހަރު 3666 މެޓްރިކް ޓަނު (4869 ޓަނު މަދު)
  • ޖޫން - 2023 ގައި 1794 މެޓްރިކް ޓަނު، މި އަހަރު 1272 މެޓްރިކް ޓަނު (523 ޓަނު މަދު)
  • ޖުލައި - 2023 ގައި 1831 މެޓްރިކް ޓަނު، މި އަހަރު 247 މެޓްރިކް ޓަނު (1584 ޓަނު މަދު)
  • އޮގަސްޓު - 2023 ގައި 3204 މެޓްރިކް ޓަނު، މި އަހަރު 1،157 މެޓްރިކް ޓަނު (2047 ޓަނު މަދު
  • ސެޕްޓެމްބަރު - 2023 ގައި 3124 މެޓްރިކް ޓަނު، މި އަހަރު 1529 މެޓްރިކް ޓަނު (1595 ޓަނު މަދު)

މިދިޔަ އަހަރުތެރޭ އެންމެ މަދުން މަސް ކިރާފައި ވަނީ ޖޫން އަދި ޖުލައި މަހުގައި ކަމަށް ރިކޯޑްތަކުން ދައްކާއިރު، އެއީ 1794 އާއި 1831 މެޓްރިކް ޓަނުގެ މަސް މަހެވެ. މިއަހަރުގެ ތަފާސްހިސާބަށް ބާލައިރު އެންމެ މަދުން މަސް ކިރާފައި ވަނީ ޖުލައި އަދި އޮގަސްޓް މަހުއެއްވެ. އެއީ 247 އާއި 1157 މެޓްރިކް ޓަނުގެ މަހެވެ.

މިދިޔަ އަހަރު ތެރޭ ޖުމްލަކޮށް 72،686 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ އިރު އެއީ އެވްރެޖްކޮށް މަހަކަށް 6057 މެޓްރިކް ޓަނުގެ މަހެވެ. މިއަހަރު ތެރޭ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލާ އިރު، ޖުމްލަ 28115 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ އިރު، އެއީ މި އަހަރުގެ 9 މަހަށް ބަލާ ނަމަ، އެވްރެޖްކޮށް މަހަކަށް 3123.9 މެޓްރިކް ޓަނުގެ މަހެވެ.

މިއަަރުތެރޭ މިފްކޯއަށް މަސްކިރާ ވަރު ދަށް ވެފައިވާ އިރު، އެ ކުންފުނީގެ މާލީ ހާލަތު ވެސް ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައަކީ މި ވަގުތު މަސްވެރިން މިފްކޯއަށް މަސްކިރަން ދާ މިންވަރު ދަށް ވާ ސަބަބެއް ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

މަސްވެރިންނަށް ފައިސާ ދޫކުރުމުގައި މިފްކޯއިން އެންމެ ފަހން ފައިސާ ދޫކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 27 އާ ހަމައަށް މަސްކިރާފައިވާ ދޯނިތަކަށެވެ. އެހެންކަމުން ސެޕްޓެމްބަރު 28 އިން ފެށިގެން މިއަދާ ހަމައަށް މަސް ކިރާފައިވާ ދޯނިތަކަށް އަދި މިފްކޯއިން ފައިސާ ދޫކޮށްފައެއް ނުވެއެވެ.

އެ ތަފާސްހިސާބުތަކަށް ބާލައިރު، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު ވަނީ 9،155،491.79 ރުފިޔާއަށް އަރާފައެވެ. މިފްކޯއިން ބުނެފައި ވަނީ، މި ފައިސާތައް މި ހަފްތާ ތެރޭ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.