ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދިޔަ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަންޑާ ހަވާލުކުރެވުނުތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ޚަލީލާ ސުވާލުކުރެއްވީ، މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19.3 މިލިއަން ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރެވިއްޖެތޯއެވެ. އަދި ފައިސާ ހަވާލުނުކުރެވޭނަމަ ސަބަބު ސާފުކޮށްދެއްވުމަށާއި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ރައްދުކުރެވޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް ވެސް މީކާއީލް އެދިވަޑައިގެންފައިވެއެވެ.

މިއީ ފޮރިން މިނިސްޓަރުކަމާ ހަވާލުވި ފަހުން ޚަލީލް މަޖިލީހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

މިދިޔަ އޮގަސްޓް މަހު ފޮރިން މިނިސްޓްރީން ބުނީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް އެ ފައިސާ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ ފައިސާ ފަންޑާ ހަވާލުކުރެވުނުތޯ ނުވަތަ ނޫންތޯ މިނިސްޓްރީން ބުނެފައެއް ނުވެއެވެ.