ގިނަ އަދަދެއްގެ ފައިސާ އަދި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފަ އިވަނީ ލ. ކަލައިދޫ / އެވާގްރީން، މުހައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ)އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މުހައްމަދު މައިހާން ފަޔާޒް އަދި އިބްރާހީމް މާޖިދު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.