އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތައް އެޓީމުތަކުން ކާމިޔާބުކޮށްފިއެވެ.

ރާއްޖޭ ގަޑިން އިރު އޮއްސި 6 ޖެހި އިރު ވުލްޒްއާ މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ 7 ވަނަ މިނެޓްގައި ވުލްވްޒުން ލަނޑު ޖަހާ ލީޑު ނެގިއެވެ. އެހެން ނަމަވެސް އޭނގެ ފަހުން ސިޓީ ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުން ގޮސް މެޗުގެ 33 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޔަސްކޯ ވަޑިއޯލްއެވެ.

މިމެޗުގެ ދެވަނަ ހާފްގައި ވެސް މުޅިންހެން ސިޓީ ކުޅުނު އިރު މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި 5 މިނެޓްގެ ތެރެއިން 3 މިނެޓާ ހަމައަށް މެޗުގެ ނަތީޖާ އޮތީ ހަމަހަމަކޮށެވެ. އެހެން ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓްގައި ލިބުނު އެންމެ ފަހު ފުރުސަތުގައި ސިޓީއަށް ލިބުނު ކޯނަރަކުން އެޓީމުގެ ޖޯން ސްޓޯންސް ޖަހާ ދިން ލަނޑާއެކު މެޗު ނިމުނީ 2-1 އިން ސިޓީ މޮޅުވެގެންނެވެ.

ސިޓީ މޮޅުކޮށްދިން ލަނޑު ޖަހާ ދިން ޖޯން ސްޓޯންސް/ފޮޓޯ: އެކްްސް

މިއަދުގެ ދެވަނަ މެޗުން ލިވަޕޫލް ޗެލްސީ ބަލިކުރީ ވެސް ހަމަ މި ސްކޯލައިނުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ހަމަހަމަކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ސަލާހެވެ. އެއީ ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ސަލާހް ވަނީ މިމެޗުަގައި ލަނޑެއް ޖަހާ އެސިސްޓެއް ހަދާފައި/ފޮޓޯ: އެކްސް

ލިވަޕޫލް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފެށިތަނާހެން ޗެލްސީން ލަނޑެއް ޖަހާ ސްކޯ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ނިކޮލަސް ޖެކްސަންއެވެ. އެހެން ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ސަލާހް ނަގާ ދިން ހުރަހަކުން ލިވަޕޫލްގެ ކާޓިސް ޖޯންސް ލަނޑެއް ޖަހާ އަނެއްކާވެސް އެޓީމަށް ލީޑު ނަގާ ދިނެވެ.

މި މެޗު ނިމުނީ 2-1 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. މިނަތީޖާއާއެކު ލިވަޕޫލް އަދި ވެސް އޮތީ ތާަވަލުގެ 1 ވަނައިގައެވެ. އެއީ ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ އެއް މެޗުން ބަލިވެގެން 21 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީ އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައެވެ. 17 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އާސަނަލްއެވެ.