ދިވެހިރާއްޖޭގެ ޒަކާތު ހައުސަށް ފަންނީ އެހީތެރިކަން ހޯދުމަށް މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިސްްލާމީ އިގްތިސޯދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އިއްޒައްދީން އަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސާ ޑރ އައިޝަތު މުނީޒާއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ މިިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.