ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރު 1.06 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.
އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވަނީ އީސިނގިރޭޓާއި ވޭޕް މަނާވަންދެން އެ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ އާއި ސިނގިރޭޓާއި ބިޑިއާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށެވެ.
އެގޮތުން ސިނގިރޭޓާއި ބިޑިންނާއި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ތިން ރުފިޔާ އަށް ރުފިޔާ އަށް ބޮޑުކުރުމަށާއި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ކެމިކަލްތަކާއި ފްލެވާތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓު ނަގައި ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާ އިތުރުކުރުމަށް އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ދެން އެ އިސްލާހުގައި ހުށަހަޅާފައިވަނީ އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ކަރުދާހުގައިވާ ގޮތުން، މި އިސްލާހާ ގުޅިގެން ދައުލަތުން އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ މިންވަރު ލަފާކޮށްފައިވާ ގޮތުން:
- މި އަހަރު 180.3 މިލިއަން ރުފިޔާ (އެއީ ސިނގިރޭޓާއި ބިޑިން 178 މިލިއަން ރުފިޔާ، އީސިނގިރޭޓާއި ވޭޕްގެ އާލާތްތަކުން 0.9 މިލިއަން ރުފިޔާ އަދި ފްލެވާ އާއި ކެމިކަލްތަކުން 1.3 މިލިއަން ރުފިޔާ)
- އަންނަ އަހަރު 1.06 ބިލިއަން ރުފިޔާ
- 2026 ގައި 1.05 ބިލިއަން ރުފިޔާ
- 2027 ގައި 1.04 ބިލިއަން ރުފިޔާ
ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެކަން އިއުލާނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރެކުރުން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އޭގެ މަހެއްހާ ދުވަސް ފަހުން މަނާވާނެ ކަމަށެވެ.
އެހެންކަމުން ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ރަސްމީކޮށް ތަންފީޒުކުރެވެން ފެށޭނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.