ރާއްޖޭގެ ރަށްރަށުގައި ހިންގާ ހޮސްޕިޓަލުތަކުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި އެންޑީއޭ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ލުބްނާ ވިދާޅުވީ، ވޭތުވެ ދިޔަ އެކި އަހަރުތަކުގެ ރެކޯޑުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ރާއްޖޭގައި ނެތް ކަމަށާއި މަސްތުވާތަކެތީގެ ފަރުވާއަށް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރެއް ލ. ގަން، ކ. ކާށިދޫ އަދި ނ. ވެލިދޫގައި ގާއުމުކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ތިން ސަރަހައްދުގައި ސެންޓަރެއް ގާއިމުކޮށް އެތަނުން ފަރުވާ ލިބޭނެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތުގެ އިތުރުން ހޮސްޕިޓަލުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ ގޮތް ހެދުމަށް އެންޑީއޭ އިން ހޯމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަން ލުބްނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ހެލްތް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކަށް ފަހު ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުއްދަ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދި އެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ސެންޓަރެއް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. ޑްރަގްސް ރިހެބިލިޓޭޝަން ފަރުވާގެ ތެރެއިން މީގެ ކުރިން މެތަޑޯންގެ ފަރުވާ ލިބެނީ މާލޭގައި އެކަނި ކަމަށާއި ނަމަވެސް މިހާރު ހުޅުމާލޭގައި ވެސް އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހި ކުރިޔަށްދާ ކަމަށް ލުބުނާ ވިދާޅުވިއެވެ.