ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، އެމަނިކުފާނުގެ މާލީ ބަޔާން އާންމު ކުރައްވައިފިއެވެ.

މި ބަޔާނުގައިވާ ގޮތުން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ނައިބު ރައީސަށް އާމްދަނީގެ ގޮތުގައި ޖުމްލަ 314،664.07ރ. ލިބިވަޑައިގެންފައިވެއެވެ. މިއީ އެމަނިކުފާނުގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގެންފައިވާ ފައިސާއެވެ.

ބޭންކު އެކައުންޓްތަކުގެ ތަފްސީލަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެމަނިކުފާނުގެ އެކައުންޓުގައި ހުރީ 8،390.00 ރުފިޔާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި އެކައުންޓުގައި ހުރީ 39.00 ރުފިޔާ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ބީއެމްއެލްގެ ޑޮލަރު އެކައުންޓުގައި މައިނަސް 61 ޑޮލަރު ހުރިއިރު މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓުގައި 397 ޑޮލަރު އެކުލެވެއެވެ.

ނައިބު ރައީސްގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އެމަނކިުފާނުގެ މާލީ ބަޔާން އާންމު ކުރައްވާފައެވެ. ރައީސްގެ މާލީ ބަޔާން ދައްކާ ގޮތުން ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ 1.8ރ. ހުއްޓެވެ.

އަދި ހަމަ އެހެންމެ އެމަނިކުފާނުގެ މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 150،000ރ. ގެ ހއ. ވަށަފަރު، ދިމްޔާތުއޭ ކިޔުނު ގޯއްޗާއި ހިބައިން ލިބިފައިވާ މ. ފިގް ހިމެނެއެވެ. އަދި 260،000ރ. ކާރެއް ވެސް ރައީސްގެ މިލްކިއްޔާތުގައި އޮވެއެވެ.

މީގެ އިތުރުން ވެސް މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީގައި ލޯނާއި ދަރަނީގެ ގޮތުގައި ބާކީ ނުދައްކާ 1,319,265.13ރ. ހިމެނެއެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.