އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 'އައްޑޫ ސިޓީ ޤުރުއާން މުބާރާތް 2024' 343 ބައިވެރިންނާއެކު ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ޝައުގުވެރިކަމާއެކު ފަރިތަކަންމަތީ ތަރުތީލުން ޤުރުއާން ކިޔަވަން އެނގޭ މުޖްތަމައުއެއް އައްޑޫ ސިޓީގައި ބިނާކުރުން ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ތިންވަނަ ޤުރުއާން މުބާރާތަކީ އައްޑޫ ސިޓީގައި ގާރީންނާއި، ހާފިޒުން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމަށް އަދި ދީނީ ހޭލުންތެރިކަން އުފެއްދުމަށް ބާއްވާ މުބާރާތެއްކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާ އެކު ރީއްޗަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެއް ކަމަށެވެ.

މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 12 ސްކޫލަކުން 237 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން 10 މުއައްސަސާއަކުން 104 ބައިވެރިން އަދި 02 ހާފިޒުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ގޮތްޕަކަށެވެ. އެއީ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ އިތުރުން ހާފިޒުންގެ ގޮތްޕެވެ.

މި ފަހަރުގެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅުއްވާ އަދި އެކި މުބާރާތްތަކުގައި ޖަޖްކަން ކުރައްވާފައިވާ މަޝްހޫރު ތިން ގާރީއެކެވެ.