ގިނަ އަދަދެއްގެ (ޓްރެޝަރީ ބިލް) ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ 1 މަސް ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.97 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 3 މަސް ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 172 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.

މީގެ އިތުރުން ހަ މަސް ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 830 މިލިއަން ރުފިޔާގެ ޓީ-ބިލްގެ އިތުރުން އެއް އަހަރު ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.29 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. ބިލް ގަންނަ ފަރާތްތަކުން ބިލަށްވާ ފައިސާ އަންނަ ހޯމަ ދުވަހު ދައްކައި ހަލާސްކުރަން ޖެހޭއިރު މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެކި ފަހަރު މަތިން ޓީ-ބިލް ވިއްކާފައެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފައެވެ. ޓީ-ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕް ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާ ޓީބިލްތައް އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ގަނެއެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ބޮޑެތި އަދަދު ތަކުން ޓީ-ބިލް ވިއްކާފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުވެސް ޓީ-ބިލް ވިއްކާފައި ވާއިރު އެފަހަރު ވެސް 2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވަނީ ވިއްކާފައެވެ.

ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީ-ބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.