ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެ ނަމަ މަދުވެގެން 1.46 މިލިއަން ރުފިޔާގެ ބަދަލެއް ވާރިސުންނަށް ދޭން ޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް ހަދައިފިއެވެ.
"މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު" އަށް މިދިޔަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ އިރު، އެ ގަވާއިދުގައި ބުނާ ގޮތުގައި، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، ހަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާއަށް ނަގައިދެވޭނެ ކަމަށެވެ.
އެގޮތުން އަނިޔާގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލުގެ ގތޮުގައި އެ ގަވާއިދުގައި ބަޔާން ކޮށްފައިވަނީ، ލިބުނު އަނިޔާއަށް ބޭސްފަރުވާގެ ހުރިހާ ހަރަދަކާއި، ބޭސްފަރުވާ ކުރަން ޖެހުމުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރައާއި، ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމަށް ލިބޭ ގެއްލުމުގެ ބަދަލާއި، ލިބުނު އަނިޔާގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެވެ.
ދާއިމީ ނުކުޅެދުންތެރި ކަމެއް ދިމާވާ މަސައްކަތްތެރި އަކަށް ގެއްލުމުގެ ބަދަލު މަދުވެގެން 10 އަހަރަށް ނަގައިދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނާ އިރު، ދާއިމީ ނުކުޅެދުންތެރި ކަމެއް މެދުވެރިވާ މަސައްކަތްތެރިއަކަށް މަދުވެގެން 1.26 މިލިއަން ރުފިޔާ އަދި ގިނަވެގެން 19 މިލިއަން ރުފިޔާ ނަގައިދެވޭނެއެވެ. ބަދަލު ދޭ މިންވަރުގެ ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އަދިވެސް އެހެން ބައެއް ކަންކަމަށް ބަލަން ޖެހޭ ކަމަސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.
މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000 ރުފިޔާ ވާރިސުންނަށް ދޭން ޖެހެއެވެ. އަދި އިހުމާލެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވާރިސުންނަށް ދޭން ޖެހޭ އިރު، މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލައި، ބަދަލު ނަގައިދެވޭނެ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ރުފިޔާއެވެ. އަދި ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.