ލޭބާ ރިލޭޝަންސް އޮތޯރިޓީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމުން ނިންމެވީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ. އެ ގޮތުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖެއްސެވިކަން އަންގާފައި ވަނީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި އެ މާޗްވަރާގައު ވަޒީރުންގެ މަޖިލީހުން ވެސް ވަނީ އެގޮތަށް ހަމަޖެއްސުމަށް ލަފާދީފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ މީގެކުރިން ހިނގަމުން އައީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.