ޓެކްސް އަބަދު ބޮޑުކުރަމުން ދަންޏާ ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެން ދާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ގެއްލުންވާ ކުންފުނިތައް އުވާލަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގައި ނަގާ ޓެކްސް، ތަރައްގީވެފައިވާ ގައުމުތަކާ އަޅާ ބަލާއިރު ބޮޑުކަމަށާއި، އެގޮތުން ދުބާއީގައި ވެސް ޖީއެސްޓީގެ ގޮތުގައި ނަގަނީ ފަސް ޕަސެންޓް ކަމަށެވެ.
"މިހެން އަޅުގަނޑުމެން ޓެކްސް ބޮޑުކުރަން ވެއްޖެ ކަމުގައި ކަމަށްވާ ނަމަ، އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެން ހިނގައިދާނެ،" އެމްޑީއޭގެ ވެސް ރައީސް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައްޔިތުންގެ އަތުން ޓެކްސް ނަގަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށާއި، އެކަމަކު ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ އަދަދު ގިނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ ރާއްޖެއަށް އަހަރެއްގެ މައްޗަށް ޓެކުހުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބެއެވެ. އަދި ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލަންޏާ ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މުއްސަނދި އެއް ގައުމަކީ ރާއްޖެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އެކަމަކު ރާއްޖެއަށް ލިބޭ ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބޮޑުބައެއް 'އަޅާލެވެނީ ކަނޑަށް' ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު ލިބޭއިރުގާ ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކަނޑަށް އަޅާ ކަމަށް ވަންޏާމު އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ޖެއްސިޔަސް 100 ގުނަ ޖެއްސިޔަސް 1000 ގުނަ ޖެއްސިޔަސް އިއްޒަތްތެރި ރައީސް، މިކަމުން ކުރާނެ ރާހަތެއް ނޯންނާނެ،"
އެހެންކަމުން ދައުލަތުން ހަރަދުތައް ކުޑަކޮށް، ދައުލަތަށް ގެއްލުންވާ ކުންފުނިތައް އުވާލަން ސިޔާމް ގޮވާލެއްވިއެވެ. އަވަށްޓެރި ސްރީލަންކާ އިިން މިސާލު ނަންގަވައި ސިޔާމް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދައުލަތަށް ގެއްލުންވާ ކުންފުނިތައް އުވާނުލައިފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އެއްކޮށް އިނދަޖެހި، އަންނަން ހުރި ޖީލުތަކަށް ދަތިވާނެ ކަމަށެވެ.
ޓެކްސް އިތުރުކުރުމަށް ދެކޮޅު ނަހައްދަވާ ކަމަށާއި، މައްސަލައަކީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ ރަނގަޅުގޮތުގައި ބޭނުންނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.