ޓީޖީއެސްޓީ ބޮޑުކުރުމަށާއި ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އިރު، އެ ޕާޓީގެ ފަރާތުން ބަހުސްކުރެއްވި އެހެން މެންބަރުން އެ އިސްލާހުތަކާ ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ، ސަރުކާރުން މި އިސްލާހު ހުށަހެޅީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކީ މަޝްވަރާކުރުމަށް ފަހު ކަން ޔަގީންވާ ކަމަށާއި، އެހެންކަމުން ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ކިޔާނެ ފާޑެއް ނެތް ކަމަށެވެ.
ނަމަވެސް ކުއްލިއަކަށް ޓެކްސްތައް ބޮޑުކުރުމުގެ ސަބަބުން ފަތުރުވެރިންގެ އަތުް ނަގާ ފީ ބޮޑުވުމުން ދަތިތަކެއް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް މި އިސްލާހަށް ބަހުސްކުރެއްވި އެމްޑީޕީގެ ދެން ތިއްބެވި މެންބަރުން މި އިސްލާހަކަށް ތާއީދެއް ނުކުރައްވައެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި އިސްލާހުގެ ސަބަބުން އާންމުންނަށް އެއްވެސް މަންފާއެއް ނުކުރާނެ ކަމަށެވެ.
"ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް، ޓެކްސް ނަން ކިޔައި ލިބެންހުރި ހުރިހާ ދިމާލަކުން ބޮޑުކުރަމުން ދިޔަޔަކަސް މީގެ ނަފާއެއް ނުނިކުންނާނެ،" އޭނާ ވިދާޅުވިއެވެ.
އަބްދުލްޣަފޫރު ވިދާޅުވީ ރަނގަޅު އާމްދަނީއެއް ސަރުކާރަށް ލިބެމުންދާ ކަމަށާއި ނަމަވެސް މައްސަލައަކީ ހަރަދުތައް ބޮޑުވުން ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވި ގޮތުގައި، ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ހުށަހެޅި އިސްލާހުގައި ޓެކްސް ބޮޑުކުރާ ސަބަބާއި ޓެކްސް ބޮޑުކުރުމުން ވާނެ ގޮތެއް ސާފެއް ނޫނެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު، މި ޓެކްސް ބޮޑުކުރުމާ ގުޅިގެން މި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު، އެރައިވަލްސް ބޮޑުތަނުން މަދުވެގެން ދާނެ،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ޓެކްސް އިތުރުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީން ކޮށްދެވޭ ކަންކަމާ މެދު އާންމުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް މުސާރަ ދެވޭ ކަމަށާއި، ނަމަވެސް ރަށްރަށުގެ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށެވެ.