އުރީދޫ މޯލްޑިވްސްއިން، ދިވެހި ސަރުކާރުގެ އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

އޫރީދޫން މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވި އިރު އުރީދޫ އިން ވަނީ 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓު ހަދިޔާކޮށްފައެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހިދުމަތް ދިނުމުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލްހަމާދީ ވިދާޅުވީ އެއާ އެމްބިއުލާންސް އިކުއިޕްމަންޓު ހަދިޔާ ކުރުމަކީ އުރީދޫއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަހުރުވެރިވާ މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ އުރީދޫގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ސީއީއޯ ވިދާޅުވީ އުރީދޫގެ އަމާޒަކީ ސިއްހީ ޚިދުމަތް ހޯދުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލު ކުރުން ކަމަށެވެ.

އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކުރުން / ފޮޓޯ: އުރީދޫ

މި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވީ އޫރީދޫއިން ބައެއް ސަމާނުތައް ހަދިޔާކުރުމާއެކު މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށާއި މި ތަކެއްޗާއެކު އާންމުންނަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެކަން ކަށަވަރުވެގެންދާނެކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީރައްޔިތުންނަށް އެކަށީގެންވާ ވަގުތުގައި އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތައް ދިމާވާކަމަށެވެ. އަދި ރަށްތަކުގެ ދުރުމިނުގެ ސަބަބުން، އެކި ކަންކޮޅުތަކުގައި ތިބޭ ބަލިމީހުންނަށް އަވަހަށް އަދި ރައްކާތެރިކަމާއެކު ފަރުވާ ދިނުމަށްޓަކައި، ބޭނުންވާ ސިއްހީ އާލާތްތަކާއި ވަސީލަތްތައް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރާއްޖެ އުފެދިފައި އޮންނަ ގޮތުން ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ގޮތްތަކެއް ހޯދަންޖެހެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސް ތައާރަފުކުރި ފަހުން މިހާތަނަށް ގިނަ ބަލިމީހުން އުފުލާފައިވާކަމަށެވެ. އަދި އެ ހިދުމަތަކީ ސިއްޙީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވިކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޫރީދޫ މޯލްޑިވްސްއިން އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވާއިރު މި ރަސްމިއްޔާތުގައި އެއާ އެމްބިއުލާންސްގެ ތްރީޑީ މޮޑަލްއެއް އޫރީދޫއިން ވަނީ މިނިސްޓަރު ނާޒިމަށް ހަދިޔާ ކުރައްވާފައެވެ. އޫރީދޫއިން ވަނީ މާޗްމަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރިއިރު ވެސް އެހިދުމަތަށް ބޭނުންވާ ތަކެތިވެސް ހަދިޔާކޮށްފައެވެ.