އިންޑިއާގެ ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ޗައިނާގެ ސަފީރުކަން ވެސް ކުރެއްވި އަޒީމާ އިންޑިއާގެ ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ އިއްޔެއެވެ. އެއާއެކު އަޒީމާގެ ނަން ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް އިއްޔެ ވަނީ ފޮނުވާލައިފައެވެ.

އެކަމަށްޓަކައި އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަޒީމާ އާ އިންޓަވިއުކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވުމުން ތާއީދު ލިބުނެވެ. އެކަމަކު، އަޒީމާގެ ވަނަވަރަށް ބަލާއިރު އޭނާއަކީ ހުރިހާ ގޮތަކުން ވެސް ގާބިލު ބޭފުޅެއް ކަމަށް ފެންނާތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވީ އިންޓަވިއުކުރުމެއް ނެތި ކޮމިޓީން ރުހުން ދިނުމަށެވެ.

ދާއޫދުގެ ހުށަހެޅުމަށް ތާއީދު ލިބުމުން، ރިފާއު ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންދަވައިފައެވެ. އެހެންވެ ކޮމިޓީގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުން ނިންމީ އިންޑިއާގެ ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށެވެ.

އަޒީމާ ޗައިނާގެ ސަފީރުގެ ގޮތުގައި ހުންނެވީ އޮގަސްޓް 2019 އިން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މިހާރު އޭނާ މަސައްކަތްކުރައްވަނީ އިންޑިއާގައި، އިންޑިއާ ޑެސްކުގެ ހެޑުގެ ގޮތުގައެވެ.

ސަރުކާރުން އަޒީމާގެ ނަން ހުށަހެޅީ މިހާރުގެ ސަފީރު އިބްރާހީމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވާތީއެވެ.

ޝަހީބު އިންޑިއާގެ ސަފީރުކަމަށް އައްޔަންކުރީ ނޮވެމްބަރު 2022 ގައެވެ. އެކަމަކު އޭނާގެ ދައުރު ގުނަނީ ސިންގަޕޫރުގެ ސަފީރުކަމުގައި އޭނާ ހުންނެވި ދުވަސްތައް ވެސް ހިމަނައިގެންނެވެ.