ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް ކުއްލިއަކަށް މިފަދަ ބަދަލުތައް ގެނައުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުންވާނެ ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވާނެއެވެ.

"އަޅުގަނޑުމެން ކުއްލި ކުއްލިއަށް މިހެން ޓީޖީއެސްޓީ އަށް ގްރީން ޓެކްސް އަށް، އެއާޕޯޓް ޓެކްސް އަށް މިގެނެވޭ ޓެކްސްތަކަކީ އެއްކޮށްލާއިރު އެންމެ ބޮލަކަށް ވަރަށް ބޮޑު އަދަދެއް މި ޖެހެނީ،" އެ އިސްލާހަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވި ނަމަވެސް، ކަންބޮޑުވުން ފާޅުކުރައްވައި އައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހު ފާސްވެއްޖެނަމަ ގެސްޓްހައުސްތަކުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެއެވެ.

އައްބާސް ވިދާޅުވީ، ޓެކްސް ބޮޑުކުރާ ކޮންމެ ފަަހަރަކު އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުވާ ކަމަށާއި އެކަމަކު ގެސްޓުން ގެންދަން ބޭނުންވާތީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ވެސް ގެސްޓްހައުސް އޮޕަރޭޓަރުން ފަތުރުވެރިން ގެންގޮސްގެން ނަފާ ހޯދަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރިން ނަފާ ހޯދުމަށްޓަކައި ބޮޑެތި ލޯނުތައް ނަގައި އެކަމަށް އޮޕަރޭޓަރުން ބޮޑެތި އިންވެސްޓްތައް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް ފާސްކުރަން ވާނީ ފޮރިން އިންވެސްޓަރުންގެ ވެސް އިތުބާރު ދެމެހެއްޓޭ ފަދަ ގޮތަކަށް ކަން އައްބާސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން މަޖުބޫރުވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މިދިޔަ 10 އަހަރު ދުވަހު އެކި ގޮތްގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބުމެވެ. އައްބާސް ވިދާޅުވީ، މިހެންވުމުގެ ސަބަބުން އަގުތައް ބޮޑުވަމުން ދަންޏާ ބޭރުގެ ޓްރެވަލް އޭޖެންސީތަކުގެ ކަންބޮޑުވުން ހުންނާނެ ކަމަށެވެ.

"މިހެން ގެންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ނިސްބަތުން މަދުވެގެން ދާނެ،" ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް އުޅުއްވާ އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން ކަމާބެހޭ މާހިރުންނާއި ފަތުރުވެރިކަމުގައި ގިނަ ދުވަހު ހަރަކާތްތެރިވި މީހުންގެ މަޝްވަރާ މުހިންމު ކަމަށެވެ.