ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކުރި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމްސް އިން ރޭ ހިފަހައްޓާފައިވާ ކަމަށެވެ. ރާއްޖެއަށް އަންނަ މަހުން ފެށިގެން ވޭޕް އެތެރެކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަނާކުރިކަން އިއުލާންކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހްސާން ކުރެއްވި އިތުރު ޕޯސްޓެއްގައި ކެނެބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކުގެ ފޮޓޯ އާއްމުކޮށް ވިދާޅުވީ އޮޅުވާލައިގެން އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް ސްކޫލު ދަރިވަރުންނަށް ދެމުންދާ ކަމަށެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާކޮށްފައިވާއިރު ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މަނާކޮށް އެކަން ފެށޭ ތާރީހަކީ ޑިސެމްބަރު 15، 2024ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ވޭޕްގެ އެކި ބާވަތްތައް އަދި އެކި ފްލޭވާތައް ވިއްކަމުން ދާއިރު ވޭޕު ބޭނުން ކުރުމަކީ ސިއްހީ ގޮތުން ނުރައްކާ ބޮޑު އެއްޗެއް ކަމަށާއި އިންސާނާގެ ފުއްޕާމޭގައި ފެން ހެދި ސިއްހީ ނުރައްކާތަކާ ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.