ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އިސްތިއުފާދެއްވުމާ ގުޅިގެން، މިދިޔަ މަހުގެ ފަހުކޮޅު ރައީސް ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ:

  • ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުކަމަށް ބަދަލުކުރެއްވުން

ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ.

ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ، މި ތިން ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފައެވެ.