މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ވަގުތީ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ސްޓޭޓް މިނިސްޓަރު އިބްރާޙިމް ނަޒީމް ވިދާޅުވެއްޖެއެވެ.
މާލޭގެ 6 ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ގާއިމުުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، މާލޭގައި ފެންބޮޑުވާ ތިން ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ވަގުތީ ފެންހިންދާ ނިޒާމުތައް ބޭނުންކުރަން ވަނީ ފަށާފައެވެ. އެގޮތުން ވެސްޓް ޕާކް ސަރަޙައްދު، ވިލިމާލެ ފެރީ ޓަރމިނަލް ކައިރި އަދި އައިޖީއެމްއެޗް ކައިރީގައި މިނިޒާމް ވަނީ ގާއިމްކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ނަޒީމް ވިދާޅުވީ މޫސުން ތަންދޭނަމަ މިރޭ ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެމަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެެ.
އިތުރަށް ނަޒީމް ވިދާޅުވީ އަމީނީ މަގު ޓީވީ ބިލްޑިން ހިމެނޭ ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްވެސް ފަށާނެކަމަށެވެ. އަދި އެއަށްފަހު އާޓިފިޝަލް ބީޗް ސަރަޙައްދުގައިވެސް މިނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އަމާޒަކީ މި މަސް ނިމުމުގެ ކުރިން މި ސަރަހައްދު ތަކުގައި ފެން ހިންދާ ނިޒާމްތައް ގާއިމުކޮށް ނިންމާލުންކަމުގައި ފާހަގަކޮށްފައެވެ.
މީގެ އިތުރުން ނަޒީމް ވިދާޅުވީ އަމީނީ މަގު ހެދިއިރުވެސް ފެންބޮޑުވާ މައްސަލައަށް ހައްލު އައިސްފައި ނުވާކަމަށެވެ. އެމަގަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކުޑަކުދިންގެ ބަގީޗާ ސަރަޙައްދުގައި ހުރި ޕަންޕާއި އަހްމަދިއްޔާ ސްކޫލް ކައިރީ ޕާކިން ޒޯންތެރޭގައި ހުރި ފެންހިންދާ ނިޒާމްގެ ޕަމްޕާއި ސްޓޭޑިއަމް ތެރޭގައި ހުރި ފެން ޕަންޕް އެއްކޮށް ބަދަލުކޮށްފައިވާކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ކުރިން އެތަންތަނުގައި ހުރި 9 ކިލޯވޮޓުގެ ޕަމްޕުގެ ބަދަލުގައި އެއިން ކޮންމެ ތަނަކަށް 20 ކިލޯވޮޓުގެ 2 ފަންޕު ބަހައްޓާފައިވާކަމަށާ މިއާއެކު މާލޭގައި ބަހައްޓާފައި ހުރި 14 ފެންހިންދާ ޕަންޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.