ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ގއ. ކޫއްޑުއަށް ކުރުން ހުއްޓާލީ ރަންވޭ ހަލާކުވެފައި އޮތުމުގެ ސަބަބުން ކަމަށާއި، އެ މައްސަލަ ހައްލުކޮށް ދަތުރުތައް ފެށޭވަރު ވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަނުން ކޫއްޑުއަށް ކުރާ ދަތުރުތައް ހުއްޓާލީ އެ ރަށު އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެ، އެކަމުގެ ސަބަބުން އެ އެއާލައިންގެ ދެ ފްލައިޓެއް ގްރައުންޑްކުރަން ޖެހުމުންނެވެ.
'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން މަރާމާތުކޮށް މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ ކަމަށާއި، މައްސަލަތައް އަވަހަށް ހައްލުކޮށް އެއާޕޯޓު އާންމު ހާލަތަށް ގެނެވޭނެ ކަމަށެވެ.
ކޫއްޑޫ އެއާޕޯޓު ހުޅުވީ 2012 ވަނަ އަހަރުގައެވެ. އެއަށްފަހު ޖެޓުތަކާއި ބޮޑެތި ބޯޓުފަހަރު ޖެއްސޭ ފެންވަރަށް ރަންވޭ ބޮޑުކޮށް އަލުން ހުޅުވީ 2017 ވަނަ އަހަރުގައެވެ.