ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ޝުއައިބު ސިއްދީގު، މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ޝުއައިބާ އެކު އެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ޝުއައިބު ހިމެނޭހެން ތިން މީހަކު ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ. ހަތަރު ވަނަ މީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފައެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ބައެއް ނޫސްތަކަށް ވިދާޅުވީ ވައްކަމުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފު މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށާއި އެ މަގާމަށް މިހާރު ވަގުތީ ގޮތުން އެހެން މުވައްޒަފަކު އައްޔަން ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު މެދު އިތުރު ފިޔަވަޅެއް އަޅަން ނިންމާނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމުމުނެވެ.

ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ މެނޭޖަރާ އެކު އިތުރު ތިން މީހަކު ހައްޔަރުކުރީ އިއްޔެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.