އެއާޕޯޓް 100 ޕަސެންޓް ބޭރު ކުންފުންނަށް ދޭ ގޮތަށް ގެނައި އިސްލާހާ ގުޅިގެން ކުރީ ސަރުކާރުގެ އިސްލީޑަރުން ފާޑުކިޔަމުން ދާތީ އެ ބޭފުޅުންނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހޫނު ރައްދެއް ދެއްވައިފިއެވެ.
އާދިއްތަ ދުވަހު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ތާރީހުގައި ކަން ކޮށްފައި ހުރި ގޮތަށް ބަލައިލުން ބުއްދިވެރި ކަަމަށެވެ. ކުރިން ވެފައި ހުރި ކަންކަމަށް ބެލުމެއް ނެތި ކުރީ ސަރުކާރުގެ ބޭފުޅުން ވާހަކަ ދެއްކުމުން މިހާރު މިއޮތީ (އެބޭފުޅުންގެ) އަތަށް ގޮވާފައި ކަަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮތުން ޕީޕީއެމްގެ ސަރުކާރު ނިމުނު އިރު އެއާޕޯޓް ހިންގުމުގެ ކަންކަން އޮތީ 100 ޕަސެންޓް ބޭރު ކުންފުނިތަކަށް ދޭ ގޮތަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރު އައިސް ފައްޔާޒަށް އިކޮނޮމިކް މިނިސްޓަރުކަން ލިބިވަޑައިގެން ދެފުށް ފެންނަ ގޮތަކަށް އިސްލާހު ގެނެސް 2019 ވަނަ އަހަރު 75 ޕަސެންޓަށް ހިއްސާ އޮންނަ ބޭރު ކުންފުނިތަަކަށް ދެވޭ ގޮތަށް ބަދަލު ކުރެއްވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރުގެ އިތުރުން ކުރީގެ ޑެޕއިުޓީ އެޓާނީ ޖެނެރަލް ވަނީ ހޯމަދުވަހު ގެނައި އިސްލާހާ ގުޅިގެން ވާހަކަ ދައްކަވާފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. ކުރީގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އަދި ކުރީގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެއެވެ.
ކުރީގެ ސަރުކާރުގައި 2012 ވަނަ އަހަރުގެ ތެރޭގައި ކޫއްޑޫ އެއާޕޯޓް ހަދާ ތަރައްގީ ކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ވެސް ނުކުރާ ސިންގަޕޫރުގެ ކުންފުންޏެއް ލައްވާ ކަމަށާއި އަދި ރީޖަނަލް އެއާޕޯޓް ސަރުކާރުން ހިންގަމުން ދަނިކޮށް 2014 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކަށް ދީފައި ވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. 2017 ވަނަ އަހަރު އަބޫދާބީ ޑިވެލޮޕްމަންޓް ފަންޑާއެކު ނ. މާފަރު އެއާޕޯޓް ތަރައްގީ ކުރަން ސޮއިކުރި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
100 ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާޕޯޓް ހިންގަން ދިނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. މިކަމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ކުރިން އެ ސަރުކާރު އޮތް އިރުވެސް އޮތީ އެގޮތަށް ކަމަށެވެ. ކުއްޑޫ އެއާޕޯޓާއި މާފަރު އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް އޭރު ދިން އިރު ކުރީގެ އިކޮނޮމިކް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރާއި އަބްދުއްރަހީމް އެކަން ފެނިވަޑައިނުގެންނެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެފްޑީއައި އަށް އިސްލާހު ގެނައުމަށް ނިންމި އިރު އިދިކޮޅުން ނުކުމެ ބުނާނެ ބަހަކަށް ނުވިސްނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އިދިކޮޅުން ބުނާނެ އެއްޗަކަށް ވިސްނަވަން ވަގުތުވެސް ނެތް ކަމަށާއި ސަރުކާރު ހިންގުމަށާއި ވެފައިވާ ވައުދުތައް ފުއްދަން މަސއްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކަމެއް ކުރުމުން އެ ކަމެއް އަނބުރާ އޮޅުވާލައި ވާހަކަތައް ދައްކަން ފެށީމާ ނުކުމެ ޖަވާބު ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިއީ ވާދަވެރި ސިޔާސީ މާހައުލެއް އޮތް ތަނެއް ކަމަށާއި އެފަދަ ކަންކަން އަންނާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.