ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.
އޮގަސްޓު 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ފުލުުހުން ކުރި މަސައްކަތުން 10،000 ޔޫރޯ މިހާތަނަށް ވަނީ ހޯދާފައެވެ. އަދި އެ ފައިސާތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއަހަރުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި ކެބިން ކުރޫއެއް ވެސް ހައްޔަރުކުރިއެވެ.