ރަޝިއާއިން ޔޫކްރައިން އަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހުޅަނގުގެ މިސައިލްތައް ރަޝިއާއަށް، އަދި މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެމެރިކާއާއި އިޒްރޭލުގެ މިސައިލްތައް އީރާނަށް އަމާޒުވެފައި ވާ މި ދަނޑިވަޅުގައި އެ ދެގައުމުގެ ރައީސުން ބައްދަލު ކުރައްވައިފިއެވެ.
ތުރުކުމަނިސްތާނުގައި ކުރިއަށްދާ ބައްދަލުވުމެއްގެ ހަވާސާގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މެދުއިރުމަތީގެ ހާލަތާއި މަޝްރަހަށް އަންނަމުން ދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާ އިރު ރަޝިއާއިން ވަނީ އިޒްރޭލުން ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭތީ އެކަން ކުށްވެރި ކޮށްފައެވެ.
ރަޝިއާ އާއި އީރާނާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއި ކުރުމަށް މަޝްވަރާ ކުރެވިފައިވާ އިރު ޕުޓިން ވިދާޅުވަނީ، އީރާނާއެކު ގުޅުން ބަދަހި ކުރުމަކީ ރަޝިއާއިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އިތުރަށް ޕުޓިން ވިދާޅުވީ ތަރައްގީގެ މަގުގައި އީރާން ކުރިއަރާ ދަނީ ވަރަށް ބާރަށް ކަމަށެވެ.
ޕެޒެސްކިއާންވެސް ވަނީ އެފަދަ ސްޓޭޓެމަންޓެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އިގްތިސާދީ ގޮތުންނާއި ސަގާފީ ގޮތުން ދެގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތައް ދަނީ ދުވަހުން ދުވަހަށް ވަރުގަދަވެ ކުރިއަރަމުން ކަމަށެވެ.
އީރާނުން އުއްމީދު ކުރަނީ ރަޝިއާ އާއެކު އާ އެއްބަސްވުމެއްގެ ފެށުން މި އޮކްޓޯބަރު 22 އިން 24 އަށް އޮންނަ ބްރިކްސްގައި ފެށޭނެ ކަމަށެވެ. ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ ހިމެނޭ ބްރިކްސްގެ ސަމިޓަށް އީރާނަށް ވެސް ވަނީ ދައުވަތު ދީފައެވެ.
އީރާނާއި ރަޝިއާ އަކީ ހުޅަނގުން ސުންނާފަތި ކޮށްލަން ބޭނުންވާ ދެ ގައުމެވެ. އިގްތިސޯދީ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން އަދި މާލީ ގޮތުން އެ ދެގައުމަށް މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ދެގައުމު މިހާރުވެސް އޮތީ މިސައިލްތަކުގެ ތުންފަތް މަތީގައެވެ.