ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައެއް ބަލަމުން އަންނަ އިރު، ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހޫށަހެލީ މައްސަލަ ވަކިން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ސައިކަލު ދުއްވި މީހާ މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވާ ކަމަށެވެ. އެގޮތުން ގަސްތުގައި ކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި ޓްރެފިކް ގާނޫނާ ހިލާފްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވައިރަލް ވެފައިވާ އިރު، އެ ވީޑިއޯ އިން ފެންނަނީ ސައިކަލުގެ ކުރީގައި އިންނަ ކުޑަ ކުއްޖެކެވެ. ބަލާބެލުމަށް އެއީ ގާތްގަނޑަކަށް 5 ނުވަތަ 6 އަހަރު ކުއްޖެކެވެ.

ސައިކަލު ފަހަތުގައި އިން ފިރިހެން މީހާ ސައިކަލުގެ ވައަތު މުއްގަނޑުގައި ހިފަހައްޓައިގެން އިންނަ އިރު ކުރީގައި އިން ކުޑަކުއްޖާ އިންނަނީ ކަނާއަތު މުއްގަނޑުގައި ހިފަހައްޓައިގެންނެވެ. މި ސައިކަލުގައި އިން މީހާ އާއި ކުއްޖާ ވެސް އިނީ ހެލްމެޓް އަޅައިގެންނެވެ.