އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ނޫސްވެރިޔާ ލައިޝާ އަހްމަދު ޒަކީ (ލައި) ރާއްޖެ ޓީވީ އިން ވަކިވެއްޖެއެވެ.

އޭނާ ރާއްޖެ ޓީވީން ވަކިވި ކަމަށް ބުނެފައި ވީ ނަމަވެސް ވަކިވީ ކޮން ސަބަބަކާ ހުރެ ކަން ހާމައެއް ނުކުރެއެވެ.

ނަމަވެސް ރާއްޖޭޓީވީން ހެނދުނު ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމުގައި ލައިޝާއާއެކު އެ ޕްރޮގްރާމް ހޯސްޓު ކުރާ އެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމާ ދެބަސްވާ ވީޑިއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ.

ލައިވްކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ލައިޝާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރެއްވި ވާހަކަ ހިއްސާކޮށް އެއީ އަލަށް ރާއްޖެގޭ ރައީސަކު އެ ކައުންސިލްގައި ތަގުރީރު ކުރެއްވުމުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަަމަށް ބުނެފައެވެ. މިއާއެކު އާމިރު ވަނީ ލައިޝާ ފާހަގަ ކުރި ކަންތަކާ ދެކޮޅަށް ވާހަކަ ދައްކާ އެއީ ފަހުރުވެރި ވާންޖެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ލައިޝާ ވަނީ އޭނާ ހާމަ ކުރީ އޭނާއަށް ފެންނަ ގޮތް ކަމަށާއި އަދި އެއީ ތެދު މައުލޫމާތަށް ބިނާކޮށް ދެއްކި ވާހަކައެއް ކަމަށް ބުނެފައެވެ. ނަމަވެސް އާމިރު ވަނީ ތަކުރާރުކޮށް އަލަށް ޔޫއެން ކައުންސިލްގައި ރައީސަކު ތަގްރީރު ކުރުން ޕްރޮމޯޓް ކުރަން ނުޖެހޭ ކަމަށް ބުނެފައެވެ. އަދި އެއީ އާޓިސްޓުން ނުވަތަ ކޮންޓެންޓް ކްރިއޭޓް ކުރާ މީހުން ކުރުވަން ޖެހޭ ކަމެއް ނޫން ކަަމަށް އާމިރު ބުނެއެވެ.

މިކަމާ ގުޅިގެން މައްސަލައަކީ ކޮބައިތޯ ލައިޝާ ސުވާލު ކުރުމުން، އާމިރު ބުނީ މައްސަލައަކީ ޔޫއެންގައި ރައީސަކު ތަގުރީރު ކުރުން ޕްރޮމޯޓް ކުރުމަކީ ބަލައިގަންނަން ޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް މީގައި މައްސަލައެއް އޮތް ކަމަކަށް ގާބޫލު ނުކުރެވޭ ކަމަށް ލައިޝާ ބުނެއެވެ. އެއާއެކު ލައިޝާއަށް މައްސަލައެއް ނުފެންނާނެ ކަމަށް އާމިރު ބުނެއެވެ.

މިއަށް ފަހު ލައިޝާ ރާއްޖެ ޓީވީން ވަކިކުރި ކަމަށް ބުނެ ބައެއް މަސްދަރުތަކުން ހަބަރުފަތުރާފައި ވީ ނަމަވެސް ލައިޝާ ރާއްޖެ ޓީވީ ދޫކޮށްލި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ލައިޝާ އެ ޓީވީން ވަކިވީ ސަބަބު ހާމައެއް ނުކުރެއެވެ.