ވާރޭ ވެހުމުން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދު ކަމަށްވާ އައިޖީއެމްއެޗް ސަރަހައްދުގައި މިއަދު ފެންބޮޑު ނުވެ އާންމުންނަށް ދައްޗަކާ ނުލައި އުޅެވޭ ގޮތް ވެފައި ވަނީ އެ ސަރަހައްދުގައި ބޭނުން ކުރަން ފެށި ފެން ޑްރެއިނިން ސިސްޓަމް އާއެކު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދަކީ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދާއި ވެސްޓް ޕާކް ހިމެނޭ ސަރަހައްދު އަދި އަމީނީ މަގެވެ. އަދި މި ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ ނަމަ ވާރޭ ނުވެހުނަސް ފެން ހިނދެން ދެތިން ދުވަސް ނަގައެވެ. ނަމަވެސް މިއަދު ހެނދުނުއް ސުރެ މާލެއަށް ބޯކޮށް ވާރޭވެހިފައި ވާއިރު، އައިޖީއެމްއެޗް ސަރަހައްދު ފެންބޮޑުވެ އެކަމުގެ ޝަކުވާ ހިއްސާކޮށްފައެއް ނުވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ، މާލޭގެ ހުޅަނގު ސަރަހައްދުގައި، ހާއްސަކޮށް ވެސްޓް ޕާކާއި، އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ ވަނީ ފެން ޑްރެއިން ކުރާ ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަަމަށެވެ. އެގޮތުން މިއީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ހައްލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސިސްޓަމް ގާއިމްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިސްވެ ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ މެއި މަހުގައި ކަމަށް މުއްތަލިބް ފާހަގަ ކުރެއްވިއެވެ. އަދި މިހާތަނަށް މި މަޝްރޫއުން ނިމިފައި ވަނީ އެއްބައި ކަމަށް ވެސް މުއްތަލިބް ފާހަގަ ކުރެއްވިއެވެ.

މި މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަސް މުއްތަލިބް ވިދާލުވިއެވެ.

މިވަގުތު މާލޭގެ އެކި ސަރަހައްދުތަކުގައި ބެހައްޓާފައިވާ ސްޓޯމްވޯޓަ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ. ހުޅަނގު މޫސުމުގެ ބާރު ގަދަވެ،

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއާއި އަތޮޅުތެރޭގެ ގިން ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުިން ވެފައެވެ. ބައެއް ރަށްރަށާއި މާލޭގައި އާންމުންގެ ގެތަކަށް ގެއްލުންވެ ވަގުތީ ހިޔާތަކަށް ވެސް ބަދަލުކޮށްފައި ވެއެވެ. އެ ވިއްސާރައިގައި ވެސް އައިޖީއެމްއެޗް ސަރަހައްދުގައި ދުއްވާ އުޅަނދުތަކަށް ނުދުއްވޭ ވަރަށް ވަނީ ފެންބޮޑުވެފައެވެ. ބައެއް ސަރަހއްދުތަކުގައި ކަކުލުން މައްޗަށް ފެން ހުރި އިރު، މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައި ވެއެވެ.