44 ވަނަ މަސްވެރިންގެ ދުވަހު މަސްވެރިންނަށް ދޭ އެވޯޑަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީޏް ބުނީ، މި އެވޯޑަށް އެދި އަމިއްލަ ގޮތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

އެވޯޑް ދިނުމަށް ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެއީ މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މަސްވެރިންނަށް ދޭ އެވޯޑެވެ. ހަމައެއާއެކު 35 އަހަރުން ދަށުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރު މަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާ އަށް ވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ އެވޯޑްތަކަށް ކުރިމަތިލާން ހުށަހަޅާން ޖެހޭ ފޯމު، މިނިސްޓްރީގެ ވެބްސައިންޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބ. ތުޅާދޫގައި ބާއްވަން ކުރިން ނިންމި ނަމަވެސް ޖަލްސާ މާލޭގައި ބާއްވާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެންމެ ފަހުން ވެސް މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ މާލޭގައެވެ.