އާސަންދައިގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފާމަސީތަކުގެ ބިލްތަކަށް މިލިއަނުން ފައިސާ ދައްކަން ޖެހޭ އިރު، މި ފައިސާ އާސަންދައިން ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައި އޮތުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ އިން މިހެން ބުނެފައި ވަނީ،ރާއްޖޭގެ ސިއްހީ ވެލްފެއާގެ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އެ ކޮމިޝަނުން ހެދި ދިރާސާއަށް ފަހު އާންމު ކުރި ރިޕޯޓްގައެވެ.
އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދޭ ތަންތަނުގެ ބިލް 60 ދުވަސް ތެރޭ ޕްރޮސެސްކުރުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީވާ ފާމަސީތަކުން އަމަލު ކުރަންޖެހޭ އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ކަންބޮޑުވުމަކީ، ކަނޑައެޅިފައިވާ މުއްދަތުގައި، ޕްރޮސެސްކުރުމުގެ ކަންކަން ހަމަޖެހިގެން ނުދިއުން ކަމަށް އޭސީސީން ބުނެއެވެ.
އަދި މި ކަމަށް ކަނޑައަޅާފައިވާ ޝަކުވާ ހުށަހެޅުމުގެ ނިޒާމުގެ ތެރެއިން ގިނަގުނަ ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ. ނމަވެސް ިމި ކަމަށް ހައްލެއް ލިބިގެން ނުދާކަމަށް އެފަރާތްތަކުން ފާހަގަކުރާ ކަަމަށް އޭސީސީން ބުނެއެވެ. ފައިސާ ދައްކަން ގަވާއިދުން ކަނޑައަޅާފައިވާ އެންމެ ލަސް މުއްދަތު ކަމުގައިވާ 90 ދުވަހުގެ މުއްދަތު ހަމަވެ، ކްލެއިމް ޕްރޮސެސް ތެރެއިން ލަސްވާތީ ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ބޭކާރު ކަމެއްކަމުގައި އެފަރާތްތަކުން ގަބޫލުކުރެއެވެ.
އެ ފަރާތްތަކުން ފޮނުވާ އެންމެ ބިލެއްގައި 100 އަށްވުރެ ގިނަ ޓްރާންސެކްޝަން ހިމެނި، އެ ޓްރާންސެކްޝަންތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބިލުގެ ޖުމްލައިގެ ގޮތުގައި އަރާ ފަހަރު އަންނަ ކަަމަށް އޭސީސީން ބުނެއެވެ. މިގޮތަށް ހިމެނޭ ޓްރާންސެކްޝަންތަކުން، އެންމެ ޓްރާންސެކްޝަނެއްގެ މައްސަލައެއްގައި މުޅި ބިލް ޕްރޮސެސް ނުކޮށް ހޯލްޑް ކުރުމަކީ، ވިޔަފާރީގެ ގޮތުގައި މި ހިދްމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންދާ ބޮޑު ގޮންޖެހުމެއް ކަމުގައި އެފަރާތްތަކުން ފާހަގަ ކުރާ ކަމަށް ވެސް އޭސީސީން ބުނެއެވެ.
މިފަދަ ލަސްތަކުގެ ސަބަބުން ނިޒާމުގެ ތެރެއިން ނާޖާއިޒް މަންފާ ނެގުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އޭސީސީން ބުނެއެވެ. އަދި މިފަދަ ލަސްތަކަކީ، ގަސްދުގައި މެދުވެރިކުރުވާ ލަސްތަކެއް ކަމުގައި ވާނަމަ، އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޖޫރިމަނާގެ ގޮތުގައި ނުވަތަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދިދާނެ ކަމަށް އޭސީސީން ބުނެއެވެ. މިއީ ކޮރަޕްޝަނުގެ ކުށެއް ކަމުގައިވާ ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދުނުމުގެ ތެރޭގައި މިކަން ހިމެނޭނެ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީިން ހިންގި ދިރާސާ ރިޕޯތުގައި ވަނީ މި މައްސަލަ ފާހަގަކޮށް ތިން ލަފައެއް ހުށަހަޅާފައެވެ. އެއީ އާސަންދައިގެ ގަވާއިދުގައިވާ މުއްދަތަށް ފައިސާ ދެއްކުމަށް ދިމާވާ ލަސްތަކަކީ ކޮބައިކަން ދެނެގަނެ، އާސަންދަ އަދި އެންސްޕާގެ ތެރެއިން މި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. އަދި ފާމަސީ ތަކުން އަމަލުކުރަން ޖެހޭ އުސޫލުގެ 19 ވަނަ މާއްދާއަށް އިސްލާހު ގެންނަން ޖެހޭހޭކަން ދިރާސާ ކުރުމަށްފަހު އިސްލާހުކުރުމެވެ.
ހަމައެއާއެކު އާސަންދަ ކުންފުނީގެ މަސައްކަތް ހަރުދަނާކުރުމަށް، ކުންފުނީގެ ނީޑް އަދި ޕޯފޯމަންސް އެނެލިސިސްއެއް ހަދާ، މަސައްކަތްތައް ލަސްވެގެންދާ މަރުހަލާތަކުގައި ކެޕޭސިޓީ އިތުރުކުރާނެ ޕްލޭނެއް އެކުލަވާލުމެވެ. އަދި ކްލެއިމްތަކާއި ގުޅިގެން އަންނަ ޝަކުވާ މަދު ކުރުމައްޓަކައި، ކްލެއިމް ރިވިއުކުރާ ޕްރޮސެސް ހާމަކޮށް، ހިދުމްތް ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ޕްރޮސެސް ކުރިއަށްދާ ގޮތް ބެލޭނެ ނިޒާމެއް ކަނޑައެޅުމެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ބިލުކޮށްފައިވާ އިރު، މީގެ ތެރެއިން 1.1 ބިލިއަން، ހޭދަކޮފައި ވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ. 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 2.8 ބިލިއަން ރުފިޔާ ބިލުކޮށްފައިވާ އިރު، މީގެ ތެރެއިން 998 މިލިއަން ހޭދަކޮށްފައި ވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ.
އަދި ޕްރައިވެޓް މަރުކަޒުތަކުން އާސަންދައަށް 2 ބިލިއަން ބިލްކޮށްފައިވާ އިރު 2023 ގައި މި އަދަދު ވަނީ 2.3 ބިލިއަނަށް އަރާފައެވެ. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ހަރަދު އެވްރެޖްކޮށް 65 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.