އެހީއަށް އެދި ހުށަހެޅުމުން އެންސްޕާ މެދުވެރިކޮށް ފައިސާ ދޭ އިރު، ހަމަހަމަކަން ނެތި އެހީ ފޯރުކޮށްދީފައިވާ ކަމަށާއި މި ކަމުގައި ނުފޫޒުވެރި ތިންވަނަ ފަރާތެއްގެ ބައިވެރިވުމެއް ވާ ކަަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިހެން ބުނެފައި ވަނީ، ރާއްޖޭގެ ސިއްހީ ވެލްފެއާގެ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އެ ކޮމިޝަނުން ހެދި ދިރާސާއެއް ގައެވެ. މި ދިރާސާއަށް ބޭނުންވާ މައުލޫމާތު ނަގާފައި ވަނީ 2011 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިލަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެ ދިރާސާގައި ވަނީ މައިގަނޑު 6 މައްސަލައެއް ފާހަގަކޮށްފައެވެ. އެއީ:
- ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ހިދުމަތް ފޯރުކޮށް ދިނުމުގައި ނަޒާހާތްތެރިކަން ކަށަވަރު ކުރެވެން ނެތުން
- ހެލްތް ވެލްފެއާ ނިޒާމުގެ ތެރެއިން ފައިސާ ދޫކުރެވެނީ ލިބޭ ހިދުމަަތށް ކަށަވަރު ކުރެވޭ ގޮތެއް ނެތުން
- ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އާ ހިދުމަތާއި ބޭސް ރަޖިސްޓްރީ ކުރުމު8ގައި ހާމަކަން ކުޑަވުން
- އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުން
- ސިއްހީ ވެލްފެއާ ނިޒާމު ވަށާޖެހޭ ހެން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން
- އެންސްޕާ މެދުވެރިކޮށް ފައިސާ ދޭ އިރު، ހަމަހަމަކަން ނެތުން
އެންސްޕާގެ ބޭސްފަރުވާގެ އެހީ ޕްރޮގްރާމްގެ ދަށުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެހީ ދޫކުރެވެނީ ހުށަހަޅާ ލިޔެކިޔުންތައް އެންސްޕާ ތެރެއިން ކަނޑައަޅައިފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ލިޔެކިޔުންތައް ވެރިފައިކޮށް ހުއްދަދެވިގެންނެވެ. އެހެން ނަަމަވެސް، ހުށަހަޅާ ލިޔެކިޔުންތައް އެންމެ ރަނގަޅަށް ވެރިފައި ކުރެވޭނެ ވަގުތު ނެތި، އަދި ބަލި މީހާގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތި އެހީ ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެއެވެ.
އެގޮތުން ރިކުއެސްޓް ހުށަހަޅާތާ މިނެޓްކޮޅެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިފައިވާ ކޭސްތައް ހުރުމުން ކަމަށް އޭސީސީން ބުނެއެވެ. އަދި ބައެއް ހާލަތްތަކުގައި ރިކުއެސްޓް ފޮނުވާ، ރިކުއެސްޓާއެކު ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް އެންސްޕާއަށް ފޮނުވާ ނުނިމުނު ކަމުގައި ވިޔަސް، އެހީ ހަމަޖެހިފައި އެބަ ހުރި ކަަމަށް އޭސީސީން ބުނެއެވެ. މިފަދައިން މި ޕްރޮސެސް ކުރިއަށް ގެންދިއުމުގައި، ނުފޫޒުވެރި ތިންވަނަ ފަރާތެއް މެދުވެރި ކުރާކަން ވަނީ ފާހަގަވެފައި ކަމަށް އޭސީސީން ބުނެއެވެ.
ހިދުމަތް ފޯރުކޮށް ދިނުމުގައި ހުންނަ މިފަދަ ކަންކަމުގެ ސަބަބުން، އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްހަމައެއްގައި، ފޯރުކޮށް ދިނުމާއި، ހިދުމަތް ލިބިގަންނަ އެންމެހާ ފަރާތްތަކުގެ ހައްގު ރައްކާތެރިކުރުމަށް ގޮން ެޖެހުންތަކާ ކުރިމަތިވާ ކަމަށް އޭސީސީން ބުނެއެވެ. ވަކި ހާއްސަ އުސޫލުތައް ހެދިފައިވީ ނަމަވެސް، ސިޔާސީ ނުފޫޒަށް ގޮތް ނިންމުމުން، ހިދުމަތް އަވަސް މަގުން ހޯދުމުގައި އޮތް ހަމައެކަނި ގޮތަކީ، ތިންވަނަ ފަރާތެއްގެ ނުފޫޒު ބޭނުން ކުރުންކަން ރައްޔިތުންނަށް ގަބޫލުކުރެވި، މުޖުތަަމައުގައި ކޮރަޕްޝަނުގެ އަމަލުތައް އަށަގެންނެވުމަށް ހިތްވަރު ލިބި، އަދި މިފަދަ އަމަލުތަކަށް ދެވޭ ބާރަކަށްވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައަށް އޭސީސީން ކުރި ދިރާސާގެ ރިޕޯޓުގައި ތިން ލަފައެއް ހުށަހަޅާފައެވެ.
- އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އެހީއަށް އެދި ހުށަހަޅާ ރިކުއެސްޓްތަކުގެ ވެރިފިކޭޝަން ަމަރުހަލާ ހަރުދަނާ ކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަނެ، ވެރިފިކޭޝަން ގައިޑްލައިން ކަނޑައަޅައި އާންމުކުރުން
- ބޭސްފަރުވާގެ އެހީ ޕްރޮގްރާމްގެ ދަށުން އެންސްޕާއަށް ފޮނުވޭ ހުރިހާ ރިކުއެސްޓެއް ޕޯޓަލްއެއްގެ ތެރެއިން ހުށަހެޅޭގޮތަށް ކަނޑައަޅައި، ޕޯޓަލްގެ ޕްރޮގްރެސް ހިދުމަތް ލިބިގަންނަ ފަރާތަށް ފެންނާނެހެން ހާމަކުރުން. އަދި ިމިކަމުގައި އަމަލުކުރާނެ އަދި ނުކުރެވޭނެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އާންމުކުރުން.
- ބޭސް ފަރުވާގެ ބާވަތުން އަދި އެހީއަށް އެދޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް ދެވޭނެ އެހީގެ ތްރެޝްހޯލްޑް ކަނޑައަޅައި އާންމުކުރުމާއި އެ މިންގަނޑަށް އަމަލު ނުކުރެވޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ލިޔުމުން އެކުލަވާލާ އާންމުކުރުން.
އާސަންދައިގެ ބޭރުން ހިނގާ ސިއްހީ ވެލްފެއާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އެންސްޕާގެ ބެލުމުގެ ދަށުން ހިންގާ 'ބޭސްފަރުވާގެ އެހީ ޕްރޮގްރާމް'ގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
ސިއްހީ ވެލްފެއާގެ ކަންކަން ބެލެހެއްޓުމަށް އެންސްޕާއިން އަމަލުކުރަނީ އެ އެޖެންސީގެ އިންޓާނަލް އުސޫލަށް ކަމުގައި ވިޔަސް ވެލްފެއާގެ ކަންކަން ކުރިއަށް ގެންދަނީ އާސަންދައިގެ ބައިވެރިވުމާ އެކީގައެވެ. އެގޮތުން ވެލްފެއާގެ ގޮތުގައި އާސަންދައަށާއި އެންސްޕާއަށް އަންނަ ހުރިހާ ރިކުއެސްޓެއް ޕްރޮސެސް ވެގެންދާނީ 2022 ވަނަ އަހަރު ގާއިމްކުރި 'ވިރަ' ޕޯޓަލް މެދުވެރިކޮށެވެ.
އެހީ ދިނުމުގައި އެންސްޕާއިން ބައެއް ފަރާތްތަކަށް ތަފާތު ކުރުން ގެންގުލޭ ކަމުގެ ޝަކުވާ އަކީ ވަރަށް ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ. އަދި ނިކަމެތިންނަށް ނިކަމެތިކޮށް ކަންކުރާ ކަމަށާއި، އެންސްޕާއަށް އެހީއަށް އެދި އެތައް މަހަކު ތިބެން ޖެހޭ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ.